ގއ.ކޮނޑޭ ކައުންސިލުގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ހައިކޯޓުން ޙުކުމްކޮށްފިއެވެ.
ހައިކޯޓުން އެ ގޮތަށް ޙުކުމްކުރީ ލޯކަލް ކައުންސިލު އިންތިޚާބާއި ގުޅިގެން ހުށަހަޅައިފައިވާ އިންތިޚާބީ ޝަކުވާއާއި ގުޅޭގޮތުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ކޮނޑޭ ކައުންސިލު އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ކޮނޑޭ ކައުންސިލުގެ ރައީސްއަކަށް އިންތިޚާބުވީ އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި ކެންޑިޑޭޓު ޢަބްދުލްޙަކީމެވެ. އެންމެ ވޯޓެއްގެ ތަފާތުން ދެވަނައަށް ހޮވިފައިވަނީ އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ޝުޢައިބު މުޙައްމަދުދީދީއެވެ. ޝުޢައިބަކީ އިންތިޚާބީ ޝަކުވާ ހައިކޯޓަށް ހުށަހެޅި ކެންޑިޑޭޓެވެ.
ހައިކޯޓުން މިއަދު ނިންމި ނިންމުމުގައި ވަނީ އިންތިޚާބީ ޝަކުވާގައި ފާހަގަކޮށްފައިވާ ކަންތައްތަކަކީ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއްކަމަށް ޤަބޫލުކުރެވޭތީ، މައްސަލައިގައި އެދިފައިވާގޮތަށް އަލުން ވޯޓު ގުނަން ޢަމުރުކުރަންޖެހޭ ކަމަށެވެ. އެގޮތުން ކޮނޑޭ ކައުންސިލުގެ ރައީސްގެ ވޯޓު އަލުން ގުނުމަށް ޢަމުރުކުރާ ކަމަށެވެ.