ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ހުރިހާ ފަރާތްތަކުން މޫސުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސްކޮށްފި އެވެ.
އެއިދާރާއިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް 4 ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހާއްސަކޮށް މެދު ރާއްޖެ ތެރެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އާއްމު ގޮތެއްގައި ގަޑިއަކު 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
އަދި ރާއްޖޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެއިދާރާއިން ބުނެފައިވަނީ، ރާއްޖެ އާއި ދުރުން ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށާއި އެހެންނަމަވެސް ލަފާކުރެވޭ ގޮތުގައި ކޮޅިގަނޑު ޖެހެމުން ދަނީ އުތުރުހުޅަނގުއުތުރަށް ރާއްޖެ އާއި ދުރަށް ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން ވައިގަދަވެ ކަނޑުތައް ގަދަވާނެތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ހާއްސަ އަހައްމިއްޔަތުކަމެއް ދިނުމަށް އިލްތިމާސް ކުރާ ކަމަށާއި، ވަކިން ހާއްސަކޮށް ކަނޑު ދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އަންގާފަ އެވެ.