އަލަމާރީގައި އަޅުވާފައި އޮތް މަޑު ވައިލެޓްކުލައިގެ އަތްދިގު ގަމީސް ނަގަމުން ދާނިޔަލް އެނބުރިލިއެވެ. ގަމީސް އަޅުވާފައިވާ ކޮނޑުގެ ހިފާބައިގާ ހިފަހައްޓަމުން މައްޗަށް ހިއްލާލާ ގަމީހުގެ ކުރިމައްޗާ ފުރަގަހަށް ރަނގަޅަށް ބަލައިލީ އެންމެ ރުލެއްވެސް ހުރިތޯއެވެ. ދާނިޔަލް ބޭނުންވަނީ ފުރަތަމަ އޮފީހަށް ނިކުންނަދުވަހު ވަރަށް ރީތިކޮށް ހެދުން އަޅައިގެން ވަރަށް ސްމާޓްކޮށް ހުރުމަށެވެ. ކްރީމް ކުލައިގެ ފަޓުލޫނާއެކު ގަދަކްރީމް ކުލައިގެ ޓައި އަޅައިލުމުން މީހާ ފެންނަނީ އާދަޔާޚިލާފު ފުރިހަމަ ކޮށެވެ. އެންމެ ފަހުން ލޯގަނޑުގެ ކުރިމައްޗަށް ހުއްޓެމުން ގަމީހުގެ އަތް އޮޅައިލިއެވެ.
އޮފީސް ދަބަސް ހިފައިގެން ކޮޓަރިން ނިކުތް ދާނިޔަލް ކޮޓަރީގެ ދޮރުމަތީ ކުޑަކޮށް މަޑުކޮށްލިއެވެ.
”އާދޭ އަވަހަށް ސައިބޯން! ތައްޔާރުވެފަ ހުރީ!“ ގޭގެ ވެރި އަންހެން މީހާގެ އަޑު އިވުމުން ދާނިޔަލް އަޑު އައި ދިމާއަށް ބަލައިލިއެވެ. އަދި ހީނލަމުން އޮފީސް ދަބަސް ގެންގޮސް ސިޓިންގރޫމުގެ އެއްފަރާތެއްގައި ހުރި ކުޑަމޭޒުމަތީ ބޭއްވުމަށްފަހު އެނބުރިލިއެވެ. ކުރިން ވާހަކަ ދެއްކި ދެބައި އުމުރަށްވުރެ އުމުރު ހަނގު ކަމަށް ފެންނަ އަންހެންމީހާ އަދިވެސް ހުރިތާ ހުއްޓި ހުއްޓެވެ. ރީތި ހިނިތުން ވުމަކުން ދާނިޔަލްއަށް މަރުހަބާ ކިޔަމުންނެވެ.
ދާނިޔަލް ބަލައިލިތަން ފެނުމުން ކުރިއަށް ހިނގައިގަންނަމުން މިދައްތަގެ ނަމަކީ ފަރީދާއޭ ބުނެ ތަޢާރަފު ވިއެވެ. ސައި ހަދާފައިވާ ކާކޮޓަރީގެ ދޮރު ދާނިޔަލްއަށް ހުޅުވައިދީގެން ދާނިޔަލް ވަންނަން ތަން ދައްކައިގެން ފަރީދާ މަޑުކޮށްލިއެވެ. ސައިތައްޔާރުކޮށްފައިވާ މޭޒުމައްޗަށް ނަޒަރު ހުއްޓާލައިގެން ދާނިޔަލްއަށް ހުރެވުނީ އިރުކޮޅަކުއެވެ.
”އަވަހަށް އިށީނދެ ސައިބޯން އުޅޭ! ގަޑިޖެހިދާނެ ދޯ!“
ފަރީދާގެ އަޑު އިވުމުން ދާނިޔަލްއަށް ބަލައިލެވުނީ އަތުގައި އޮތް ގަޑިއަށެވެ. ދެން އަވަސް އަވަހަށް އިށީނދެ ސައިބޯން ފަށައިފިއެވެ. ސަޔަށް ހަދާފައިވާ މަސްހުންޏާ ތާޒާ ރޮށީގެ މީރުކަން ތަޖުރިބާ ކުރެވުނު މިއީ ފުރަތަމަ ފަހަރޭ ދާނިޔަލް ހިތަށް އެރިއެވެ.
ސައި ނިންމާލާފަ ތެދުވަމުން ވެސް ދާނިޔަލްއަށް ބަލައިލެވުނީ ގަޑިއަށެވެ. ދެން ކާކޮޓަރިން ނިކުންނަން ހިނގައިގަތީ އަތުގައި އޮތް ޓީޝޫއިން ތުން ފޮހެމުންނެވެ. އެހެންނަމަވެސް ޓިޝޫ ވަށިގަނޑަށް ވައްޓައިލުމުގެ ކުރިން އަތުން ދޫވެގެން ދިޔަ ޓިޝޫއަށް ނަޒަރު ހިންގައި ނުލެވުނީ ދާނިޔަލްގެ ކަނާތު ކޮނޑުގައި ކަހަލަ ގޮތަކަށް އަޅަގަނެގެން، ކޭއްތިގެންވަން އަންހެންކުއްޖާގެ ސަބަބުންނެވެ. އަންހެންކުއްޖާއަށް ބަލައިލުމުގެ ބަދަލުގައި ގުދުވެ ޓިޝޫ ނަގަމުން މުށުތެރެއަށް ޓިޝޫ ލާ ބޮނޑިކޮށްލަމުން ދާނިޔަލް ހިނގައިގަތީ ފަސްއެނބުރި ބަލައިނުލާ ކުރިއަށެވެ.
ދާނިޔަލްއަކީ މާލޭ ކުއްޖެކެވެ. މިވަގުތު ވަޒީފާ އަދާކުރަނީ މޯލްޑިވިއަންގައެވެ. ތިންމަސް ދުވަހަށް އެރަށަށް ދާނިޔަލް އައީ އެރަށު އެއަރޕޯޓަށް ޑިއުޓީއަށެވެ.
ފަރީދާމެންގެ ގެއަކީ ގެސްޓް ހައުސްއެއް ނޫނެވެ. އެހެންނަމަވެސް ފެންވަރު ރަނގަޅުކޮށް ކައްކާ ކާންދީ އަދި ދޮވެ އިސްތިރިކޮށްދީ ހަދާތީވެ އެގޭގައި މި ގޮތަށް އަންނަ މީހުން ބައިތިއްބުމަކީ އެރަށު ކައުންސިލުން ފާއިތުވި ދިހަވަރަކަށް އަހަރު ކުރަމުން އަންނަ ކަމެކެވެ. އަނެއްކޮޅުން ކޮޓަރިތައް ވެސް ތަނަވަސްވެފައި ސާފުތާހިރުވީމާ އެ އަންނަމީހުން އެގޭގައި ތިބެފައި ދަނީ ހިތްހަމަ ޖެހިތިބެގެންނެވެ. އެގެއަކީ މާގިނަބަޔަކު ދިރިއުޅޭގެއެއް ވެސް ނޫނެވެ. ފަރީދާގެ ފިރިމީހާ ކުއްލިގޮތަކަށް ނިޔާވީ ބޭރުދަތުރުކުރަން ގޮސް ހުއްޓައެވެ. އޭރު ގެ ހުރީ ރަނގަޅުފެންވަރަކަށް ހަދާ ނިމިފައެވެ. ފަރީދާގެ ފިރިމީހާއަކީ ރަށުގައި އިސްކޮށް އުޅޭ ދެތިން މީހުންގެ އާއިލީ މީހަކަށްވީމާ އެގޭގައި މީހުން ބޭތިއްބުމުގެ ފުރުސަތު ފަރީދާއަށް ހުޅުވިގެންދިޔައީއެވެ.
ފަރީދާގެ ތިބީ ދެ ކުދިންނެވެ. އެއީ ސޯޅަ އަހަރުގެ ނާއިޝް އާއި ވިހި އަހަރުގެ ނާޖީއެވެ. ނާޖީ އުޅެނީ އޭލެވެލް ނިންމުމަށްފަހު ރަށުގެ ކައުންސިލްއޮފީހުގައި ވަޒީފާގައެވެ. މިއީ ނާއިޝްގެ އޯލެވެލް އަހަރެވެ.ނާއިޝް ކިޔަވަން ހުންނަނީ މާލޭގައެވެ. ދެ ދަރިންނާއެކު ފަރީދާ ގޭގައި ކުއްޔަށް މީހުން ބައިތިއްބައިގެން ލިބޭ އެއްޗަކުން އުޅެނީ ހަމަ ޖެހިގެންނެވެ. ފަރީދާގެ މަސައްކަތަށް ލުއިކަން ލިބިގެންދަނީ ފިރިމީހާގެ އެއްބަނޑު އަންހެނެއްގެ ދަރިއަކު އައިސް އަތްގާތްކޮށްލަދީ އެހީތެރިވެދީގެންނެވެ. އެ ވެސް ކިޔަވާކުއްޖަކަށްވާތީ ބައެއް ދުވަސްދުވަހު ނާދެވި ވެސް ދެއެވެ. އެހެންނަމަވެސް ގޭގައި ބައްތިއްބާމީހުންގެ އަންނައުނު ދޮވެ އިސްތިރިކޮށްދީ ސްކޫލް ނޯންނަ ދުވަސްދުވަހު ކައްކަން އެހީވެދީ ހަދާތީ އެކުއްޖާއަށް ވެސް ފަރީދާ މުސާރަދެއެވެ.
ދާނިޔަލް މެންދުރު ކާކަށް ގެއަކަށް ނާދެއެވެ. ރަށަކީ ބޮޑު ރަށަކަށް ވިޔަސް އެންމެންވެސް ދުއްވާއެއްޗެހި ގެންގުޅޭތީ ރަށް އޮންނަނީ ކުޑަވެފައެވެ. ދާން ބޭނުންވާ ހިސާބު ކިތަންމެ ދުރަސް އޮންނަނީ ދާދި ކައިރީގައެވެ.
ދާނިޔަލް މިއަދު އޮފިހަށް ދިޔައީ ކުލީ ކާރެއްގައެވެ. އެހެންނަމަވެސް ގެއަށް އައީ އޮފީހުން ހަމަޖައްސައިދިން ސައިކަލެއްގައެވެ. ދާނިޔަލް ގެއަށް އައި އިރު ފަރީދާ ހުރީ ކާން ހަދައިގެންނެވެ. ނުކާނަމޭ ބުނުމުން އިރުކޮޅަކުން ސައި ބޯން ގޮވަން ފެށިއެވެ. ރަށަކީ މުޅިން އާރަށަކަށް ވުމުން ރަށުގެ މާހައުލަކީ ކޮންކަހަލަ މާހައުލެއްކަން، ރަށުގެ މީހުންގެ އުޅުން ބުޅުމާ ގޮތް ފާޑު ނޭނގޭތީ ކާހިތް ނުވެފައި ހުއްޓަސް ދާނިޔަލް ނިކުތީ ސައި ބުއިމަށެވެ. ދެތިން ވައްތަރެއްގެ ހެދިކާ މޭޒުމަތީ އަތުރާލާފައި ހުއްޓެވެ. ހެދިކާތަކަށް ބަލައިލުމުން ފެނުނީ އާވި އަރައަރާ ހުރިތަނެވެ. ކާހިތް ނުވެފައި ހުއްޓަސް ދާނިޔަލްގެ ކުޅު ދިޔައިވެގެން އައެވެ. ގޮނޑީގައި ރަނގަޅަށް ހަމަ ޖެހި ލެވުނުތަނާ އިވުނީ ފަރީދާގެ އަޑެވެ.
”ކަޅުސައިތަ ނޫނީ ކޮފީތަ!“ ދާނިޔަލް ކުޑަގޮތަކަށް ފަރީދާއާ ވީފަރާތަށް އެނބުރިލަމުން ކޮފީ ރަނގަޅުވާނެއޭ ބުނެލިއެވެ.
ފަރީދާ ހެދި ކޮފީތަށި ގެނެސް ދާނިޔަލްގެ ކުރިމަތީ ބެހެއްޓިތަނުން އިވުނީ ފަރީދާގެ ދަރިފުޅު ނާޖީގެ އަޑެވެ.
”މަންމާ ސައި ރެޑީތަ!“ ނާޖީގެ އަޑު އިވުމުން ފަރީދާ ބަލައިލީ ކާކޮޓަރީގެ ދޮރާ ދިމާއަށެވެ. އޭރު އަޅިކުލައިގެ ކުރު ޖިންސް ސޯޓްބުރިއަކާ ހުދުކުލައިގެ ކުރު ޓީޝާޓްކޮޅެއް ލައިގެން ބާވީހަކަށް އަހަރުގެ ނާޖީ ކާކޮޓަރިއަށް ވަންނަނީއެވެ. ނާޖީ ލައިގެން ހުރ އެއްޗެހި ފެނުމުން ފަރީދާގެ ނިތަށް ރޫ ގިނަވެގެން ދިޔައެވެ. މަންމަގެ ނުރުހުން ފާހަގަކުރެވުނަސް ނާޖީ އެކަން ކަމަކަށް ނަހަދާ އައިސް އިށީނީ މޭޒުގެ ކޮޅު ގޮނޑީގައެވެ. ދާނިޔަލް އެތާ އިންކަން ނާޖީއަށް ނުވެސް އެނގޭކަހަލައެވެ.
”މަންމާ ކޮފީއެއް ހަދައިދީބަލަ!“ ނާޖީ އެހެން ބުނިއިރުވެސް ފަރީދާ ހުރީ ފެންކައްކާ ޖަގުން ކޮފީމަގަށް ހޫނުފެންފޮދެއް އެޅުމުގައެވެ. މާކުރިންވެސް ނާޖީ ކޮފީއަށް ބުނާނެކަން ފަރީދާއަށް އެނގޭކަހަލައެވެ. ކޮފީހަދައިގެން އައިސް ފަރީދާ ކޮފީތަށި ނާޖީ ކުރިމަތީ ބެހެއްޓިއިރު ނާޖީ އިނީ ކުޅިބޯކިބާ ފޮއްޗެއްނަގައިގެން އެއަށް ބަލަހައްޓައިގެންނެވެ.
”މަންމާ! މިއަދުވެސް އެ ރިވާ ނާންނަނީތަ!“ ކުޅިބޯކިބާފޮތި އަލުން ހެދިކާތަށިތެރޭ ބޭއްވުމަށްފަހު ނާޖީ ސުވާލުކުރިއެވެ. ފަރީދާ ޖަވާބެއް ނުދީ ދާނިޔަލްއަށް ފެންތައްޓެއް އެޅުމަށް އަލަމާރީގައި ހުރި ފިނިފެންފުޅި ހިފައިގެން ކުރިއަށް ހިނގައިގަތެވެ.
”އަބަދުވެސް އެހެން އުޅޭނީ! ގެއަށް މީހަކު އައިއްސިއްޔާ އުޅޭނީ ފިލަފިލައިގެން!“ ނާޖީ ހުރީ ރިވާދެކެ ރުޅިއައިސްފައިކަން ވާހަކައިން އެނގެއެވެ.
”ދަރިފުޅާ!“ ޅާއަށް ދަމާލަމުން ފަރީދާ އުޅުނީ ނާޖީގެ ވާހަކަ ހުއްޓުވާށެވެ. އެތާ ބޭރު ބީރައްޓެއްސަކު އިނުމުންނެވެ. ނަސީބަކުން ނާޖީވެސް ދެން އިތުރަކަށް ވާހަކަދައްކާކަށް ނޫޅުނެވެ.
މުޅިން އަލަށް މި ފެނުނު އަންހެންކުއްޖާގެ ފަރާތުން މިފެނުނު ސިފައަކީ ދާނިޔަލް އަޑުއަހާ އަތޮޅުތެރޭގެ އަންހެންކުދިންގެ ފަރާތުން ނުފެންނާނެ ކަމަށް ދާނިޔަލް ހީކުރި ސިފައެކެވެ. ފައިގެ ފަލަމަސްގަނޑުގެ މެދާ ހަމައަށްހުރި ސޯޓްކޮޅަކާ ގަޔަށްދޫ އެހެނަސް ކުޑަކުޑަ ޓީޝާޓްކޮޅު އެއީ ދާނިޔަލް ހައިރާންކުރުވި ކަންކަމެވެ. އަނެއްކޮޅުން އަމިއްލަ މަންމަ ލައްވާ ތިމާ ރީތިކޮށް އިށީނދެއިނދެ އަމިއްލަކަންކަން ކުރުވި މަންޒަރަކީ ދާނިޔަލްއަށް ކަމުދިޔަ ކަންކަމަކަށްނުވިއެވެ.
މަޑުމަޑުން އިނދެ ސައިބޮއެގެން ދާނިޔަލް ތެދުވިތަން ފެނުމުން ދެން ފެނުނީ ނާޖީ ވެސް ތެދުވިތަނެވެ.
”ހައި! ނާޖީ!“ ދާނިޔަލްއާ ދިމާއަށް ސަލާމަށް އަތްދިއްކުރަމުން ނާޖީ ތަޢާރަފްވެލިއެވެ.
”ދާނިޔަލް!“ ނާޖީ ދިއްކޮއްލި އަތުގައި ހިފާ ސަލާމް ކުރަމުން ދާނިޔަލް ވެސް ތަޢާރަފް ވެލިއެވެ.
ނާޖީގެ އަތްތިލައިގެ މަޑުކަން އިޙުސާސް ވިޔަސް އެކަމަކާ ދާނިޔަލް ނުވިސްނައެވެ. މާ ބޮޑު ސަމާލުކަމެއް ނާޖީއަށް ދިނުމެއް ނެތި ދާނިޔަލް ނިކުތީ ބޭރަށެވެ.
އިރުއޮއްސުމުގެ ކުރިން ރަށުތެރެ ކުޑަކޮށް ބަލާލުމުގެ ބޭނުމުގައި ދާނިޔަލް ނިކުތީ ބޭރަށެވެ. ވަކި މަޤުސަދެއްނެތި ރަށުގެ ފުޅާމަގުތަކުންނާ ހަނި މަގުތަކުން ދުއްވަމުން ދިޔަ ސައިކަލް މަޑުކޮށްލީ ރަށުގެ ހުޅަނގުފަރާތު އަތިރިމައްޗަށެވެ. އެވަގުތަކީ ރަށުގެ އެކި އމުރުގެ މީހުން ވެސް މަގުތަކުން ފެނުނު ވަގުތެކެވެ. ހަވީރު ހިނގާލަން ނުކުމެ އުޅުނު ޒުވާން ފުރައިގެ އަންހެންކުދިންގެ އަމާޒަކަށް ދާނިޔަލް ވިކަން ދާނިޔަލްއަށް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެކަމަކާ ދާނިޔަލް ވިސްނާކަށް ބޭނުމެއްނޫނެވެ. އެއީ އާކަމަކަށް ނުވީމައެވެ.
ދުވަހެއްގެ އިރު އޭގެ އެންމެ ފަހުގެ ވާޖިބު އަދާކުރަމުން އާދުވަހަކަށް އިންތިޒާރުކުރާށޭ ބުނަމުން އޮއްސެން ދަނީއެވެ. އޭގެ ސަބަބުން އުޑުމަތީގައި އެކި ކުލައިގެ ވިލާތައް އެތުރި ބައްޓަން ވަމުން ދިޔައެވެ. ގަދަ އަޅިކުލައިގެ ވިލާތަކުން އެކި ކަހަލަ މަންޒަރުތައް ސިފަވަމުން ދިޔައިރު ދާނިޔަލްގެ ޚިޔާލު ހުއްޓިފައި ހުރީ މިރަށުގައި ތިންމަސްދުވަހުގެ ޓަރމެއް ހަމަ ކުރާނެ ގޮތަކާމެދުގައެވެ. މައިންބަފައިންނާ ޢާއިލާއާ ދުރުގައި ނުވެސް ދަންނަ ބައެއްގެ ތެރޭ މިތަނަށް އަންނަން ޖެހުމުން ދާނިޔަލް ހުރީ ނުތަނަވަސްވެފައެވެ.
ހިތަށް އަރާފޭބި އެތައް ޚިޔާލުތަކަކުން ސަލާމަތްވުމަށް އެންމެ ފަހުން ނެގީ ފޯނެވެ.
”ހަލޯ! ދަރިފުޅު! ކޮންތާކު!“
ފުރަތަމަ ރިންގާއެކު ފޯނުނަގާ މަންމަ އެހީ އަބަދުވެސް މަންމަ ކުރާ ސުވާލެވެ. އެއީ މާލޭގައި މަންމަ ގާތު އުޅޭއިރު ވެސް ގުޅާއިރަށް މަންމަ ކުރާ ސުވާލެވެ.
”މަންމަ މިހިރީ ވަރަށް ކަންބޮޑުވެފައި! ދެތިން ފަހަރަކު ގުޅައިވެސް ފީމޭ! ނިއްވާލާފަ އޮންނަނީ! ދަރިފުޅަށް އެނގޭނެ މަންމަ ކަންބޮޑުވާނެ ވަރު! ދެން ކީއްވެތަ ފޯނު ނިއްވާލައިގެން މިހާ ގިނަ އިރު ކުރީ!“
ތެދެކެވެ. އެންމެ ފަހަރަކު ގުޅާފަވެސް ނުނެގިއްޖިއްޔާ މަންމަ ވަރަށް ކަންތައް ހުންނާނެއެވެ. ފައްޗަކަށް އަމުނަމުން މަންމަ ވާހަކަ ދެއްކިއިރު ދާނިޔަލް ހުރީ މާދުރުން ބާނިލަމުން އައި ރާޅަށް ބަލަހައްޓއިގެން ހިނިތުން ވެލައިގެންނެވެ.
”މަންމާ! ބުނަމެންނު ތިހާވަރަށް ކަންބޮޑުނުވާށޭ! އޮފީހުގައި އުޅޭއިރު އެކިއެކި މީހުން ގުޅާނެ…… އެހެންވެ އުދަނގޫވާނެތީވެ ނިންވައިލީ! މަންމައަށް އެނގޭނެނު މިއުޅޭ ފާޒިލް މެންގެ ގޮތް! އެހެންނޫނަސް މިއަދު މީ އޮފީހުގެ ފުރަތަމަ ދުވަސް ވީމާ ވަރަށް މީޓިންގ ތަކާއެއްޗެހި އޮތް!“
ފާޒިލް އެއީ ދާނިޔަލްގެ އެންމެ ގާތް އެކުވެރިޔާއެވެ. ދާނިޔަލްގެ މަންމައަށް އެނގޭ ދާނިޔަލްގެ މަދު ރަޙުމަތްތެރިންގެ ތެރެއިން އެކެކެވެ.
ދާނިޔަލް ކުޑައިރު ދާނިޔަލްގެ ބައްޕަވަނީ ނިޔާވެފައެވެ. އޭރު ދާނިޔަލްގެ އުމުރުން އޮތީ ފަސްއަހަރަށެވެ. ދާނިޔަލްއަށްވުރެ ހަނގަށް އަދި އިތުރު އެއް ކޮއްކޮ ހުރެއެވެ. ކޮއްކޮ ދާނިޔާ ދެކެ ދާނިޔަލް ލޯބިވަނީ ދާނިޔަލްގެ ފުރާނަ ފަދައިންނެވެ. ދާނިޔަލްގެ ބައްޕަ މަރުވުމުން މަންމަ އެހެން މީހަކާ ނީނދެ އެ ދެބެންނަށްޓަކައި މަންމަގެ ޒުވާން އުމުރު ހުސްކޮށްލިއެވެ. މިއަދު ދާނިޔާ ގައުމުން ބޭރުގައި ކިޔަވަން ހުރިއިރު މަންމަ އެކަނި ގޭގައި ބަހައްޓާފައި އައިސް އެހެން ރަށެއްގައި އުޅެން ޖެހުން ވީ ދާނިޔަލްއަށް ވެސް އުދަނގޫކަމަކަށެވެ. އެހެން ވިޔަސް ދުވަހުގެ ބުރަކަމުން މަންމައަށް ގުޅަން ލަސްކޮށްލެވުނީއެވެ.
-ނުނިމޭ-
Kobaahey. Vaahaka. Alhey Rivaa
… Nice … Rivaa n Dhaaniyal dhw
Kalw haadhaa lahey up vaaleh😞😞😞😞
ރީތި
ވވkkkކކކކkkkކކ
Kobaahey vaahaka. Rivaa…… Alhe up kohbala….