އައްޑޫ ސިޓީގައި ހިންގަމުން އަން އޭޝިއަން އެކަޑެމީ އޮފް އޭރޮނޯޓިކްސް ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމުގައި ހުންނެވި، ސުރަންޖަން ޑި ސިލްވާ އަށް ދޫކޮށްފައިވާ ހުއްދަ ސަރުކާރުން ބާތިލު ކުރަން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ހުއްދަ އޭނާގެ އަތުން މާދަމާއިން ފެށިގެން އަތުލަން ނިންމީ، ފްލައިން ސްކޫލުގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މެނޭޖްމަންޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާތީ ކަމަށާއި، ފްލައިން ސްކޫލުގެ މައްސަލަތައް އަވަހަށް ހައްލު ނުކުރެވޭ ނަމަ އެ ތަނުގެ އެކައުންޓެބްލް މެނޭޖަރު އަލީ އަކްބަރު ޖީވަންޖީގެ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެ ފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުން ދީފައިވާ ކަމަށެވެ.
ފްލައިން ސްކޫލުގެ އިސްވެރިއަކަށް ފިޔަވަޅު އަޅާފައި މިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެސްކޫލަށް ފިޔަވަޅު އަޅައި، އެތަނުން ކިޔެވުމަށް ދަރިވަރުން ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ ލޯންތަކަށް ލުއި ގޮތްތަކެއް ހަމަޖައްސަވާދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނިންމަވާފައިވާ ދަނޑިވަޅެއްގައެވެ.
އައްޑޫ ފްލައިން ސްކޫލުގައި ގިނަ ދަރިވަރުން ކިޔަވަނީ ބޮޑެތި ލޯނުތައް ނަގައިގެން ކަމަށް ވާއިރު، 12-18 މަސް ދުވަހުން ނިމޭ ކޯހެއް އެ މުއްދަތަށް ނުނިމި، ތިން ހަތަރު އަހަރު ނަގަމުންދާތީ އެ ދަރިވަރުން ކަންބޮޑުވުން ފާޅުކުރެ އެވެ.