ހުސްވި ރޯމަ މަހު މާލޭ މަގުމަތިން ރޭގަނޑު ވަގުތެއްގައި ހިނގާފާ ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހައްޔަރުކުރި ދެމީހުން ބަންދުން ދޫކޮށްލާފިއެވެ.
އެ މައްސަލައިފައި ހައްޔަރުކޮށްފައި ވަނީ ވިނަރެސް، ހދ. ނޭކުރެންދޫ، އާދަމް ވިޝާން (18) އަދި މިލާފަރު، ހދ. ވައިކަރަދޫ، އަލީ ރަޝީދު (23) އެވެ. މި ދެމީހުންނަކީ ވެސް މާލޭގައި، އެއް ގެއެއްގައި އުޅެމުން އަންނަ ދެމީހުންނެވެ. އެ ދެމީހުންގެ މައްޗަށް ކުރަނީ މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ.
އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާއަކީ ހައްޔަރުގެ ހަތަރު ރެކޯޑު އޮތް މީހެކެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ދެމީހުން ދޫކޮށްލީ، ޝަރުތުކޮށް ދެމީހުން ބަންދުން ދޫކޮށްލަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުމުންނެވެ.
އެގޮތުން އެ މައްސަލައާއި ގުޅިގެން ހައްޔަރު ކުރި، އާދަމް ވިޝާން ދޫކޮށްލަން އަމުރުކުރީ، އޭނާގެ މައްޗަށް ތަހުގީގު ފުރިހަމަކުރުމަށްފަހު، ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކުރުމަށް ފަހު ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލަން ޕީޖީން އެދިފައިވާތީ ކަމަށް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފަ އެވެ.
އަދި އަލީ ރަޝީދު ދޫކޮށްލަން ކުރި އަމުރުގައި ބުނެފައިވަނީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތުމުން ޝަރުތުކޮށް ދޫކޮށްލަނީ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަންހެން މީހާ އާ ހަވާލާދީ ފުލުހުން މީގެ ކުރިން ކޯޓުގައި ބުނެފައި ވަނީ، އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ދިނުމުގެ ގޮތުން، އޭނާގެ ގައިގައި ހިފައި، މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށެވެ. އަދި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދީފައިވާ ކަމަށެވެ.
މި ހާދިސާ ހިނގި އިރު އެ ސަރަހައްދުގައި ހުރި ސީސީޓީވީއަކުން ނަގާފައިވާ ވީޑީއޯ ވަނީ ސޯޝަލް މީޑީޢާގައި އާންމުކޮށްފައެވެ. މި ވީޑިއޯއިން ފެންނަނީ ފިރިހެނަކު އެ އަންހެން މީހާގެ އަތުގައި ހިފާ ދަމާފައި ގެންދާ މަންޒަރެވެ.