ކާށިދޫ ދާއިރާގެ މެމްބަރު ޖާބިރު އަތުން ރާއްޖޭގެ ކުރީގެ ރައީސް މައުމޫން ނަންގަވާފައިވާ ފައިސާތައް ރައީސް މައުމޫން ޑީއާރުޕީއާއި ގުޅިވަޑައިގެންފިނަމަ މައާފު ކޮށްދެއްވާނެ ކަމަށް މެމްބަރު ޖާބިރު ވިދާޅުވެއްޖެއެވެ.
ޕީޕީއެމުން ރައީސް މައުމޫން އެކަހެރިވެވަޑައިގެން ހުންނެވިއިރު ނެންގެވިކަމަށް ބުނާ، 29 މިލިއަން ރުފިޔާގެ މައްސަލައިގައި ޖާބިރު ވަނީ ރައީސް މައުމޫން އަތުން އެފައިސާ ހޯދުމަށް މީގެ ކުރިން ފުލުސް އޮފީހަށް މައްސަލަ ހުށަހަޅުއްވައިފައެވެ. ނަމަވެސް ތަހުގީގަށް މައުލޫމާތު ދެއްވަމުން ޖާބިރުވަނީ ރައީސް މައުމޫން އިންނަވާ މަޖިލީހެއްގައި ނޫނީ ބަޔާން ނުދޭނެ ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ޖާބިރުވަނީ އޭނާގެ މަންމާފުޅު މަރިޔަމް މަނިކެ އެދުމުގެ މަތިން ރައީސް މައުމޫނަށް މައާފުކުރެއްވިކަން މީޑިއާގައި ހާމަކުރެއްވިއެވެ.
އެހެން ނަމަވެސް ޖާބިރު މިވަނީ އަނެއްކާވެސް އެ ފައިސާތަކާއި ގުޅިގެން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް މައުމޫން އަނބުރާ ޑީއާރުޕީއަށް ވަޑައިގެންފިނަމަ، ޖާބިރު އަތުން ރައީސް މައުމޫން ނެންގެވިކަމަށް ބުނާ 29 މިލިއަން ރުފިޔާގެ ލޯން މާފްކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވަނީ، ރައީސް މުހައްމަދު ނަޝީދު އަދި ރައީސް ޔާމީން އަށްވެސް ޑީއާރުޕީއާއި ގުޅިވަޑައިގަތުމަށް ދައުވަތު އަރުއްވާފައެވެ. އެގޮތުން ޖާބިރު ވިދާޅުވީ، ރައީސް ޔާމީން ޑީއާރުޕީއާއި ގުޅިވަޑައިގެންފިނަމަ ރިޔާސީ ޓިކެޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދ ރައީސް ނަޝީދުއަށް ދައުވަތު އަރުއްވަމުން ވިދާޅުވީ، އިތުރަށް އެމްޑީޕީގައި ހުންނެވުމުގެ ފައިދާއެއް ނެތް ކަމަށާއި، މުސްތަގުބަލު އޮތީ ޑީއާރުޕީގައި ކަމަށް ވިދާޅުވެފައެވެ.
ޖާބިރު ވިދާޅުވި ގޮތުގައި 29 މިލިއަން ރުފިޔާގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން އެކަމާ ބެހޭ ހުރިހާ މުއާމަލާތެއް ކޮށްފައިވަނީ މެލޭޝިޔާގެ ކުއާލަލަމްޕޫރުގައި ހުރި “ޑަބަލްޓްރީ ހިލްޓަން“ ހޮޓަލުގައި ކަމަށެވެ. އަދި އެބައްދަލުވުން އިންތިޒާމު ކުރީ ރައީސް މައުމޫން ކަމަށާއި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޖާބިރުގެ އިތުރުން އަނބިކަނބަލުން ދިޔާނާ ސައީދާއި ރައީސް މައުމޫނާއި ދަރިކަލުން ފާރިސް މައުމޫން ކަމަށް ޖާބިރު ވިދާޅުވިއެވެ.
ޖާބިރުގެ އެވާހަކަތައް ރައީސް މައުމޫންގެ ފަރާތުން ތަކުރާރުކޮށް ދޮގުކުރައްވާފައި ވެއެވެ.