އެފްއޭއެމް ބިލްޑިންގ ހުރި އިމާރާތުގައި ސިފައިން ހަދަމުންދާ ކޯވިޑް ފެސިލިޓީގެ 70 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.
މިކަމާއި ގުޅިގެން މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ، އެމްއެންޑީއެފް ސަރވިސް ކޯރގެ ބެލުމުގެ ދަށުން ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވަމުން ދަނީ، އެމްއެންޑީއެފް ސަރވސް ކޯރގެ ދަށުން މަސައްކަތްކުރާ ޔުނިޓްތައް ކަމުގައިވާ މިލިޓަރީ އިންޖިނިއަރސް (އެމްއީ) އާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އަދި ސިގްނަލްސްގެ ސިފައިން ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން މި މަސައްކަތް ސިފައިންނަށް ހަވާލުކުރުމާ އެކު، ސިފައިން އެ މަސައްކަތް ފަށާފައިވަނީ 2021 މެއި 17 ވަނަ ދުވަހު ފަށާފައި ވާކަމަށާއި، އެ ދުވަހުން ފެށިގެން ހުއްޓާނުލައި ސިފައިން މަސައްކަތްކުރަމުންދާއިރު، އެތަނުގެ ތެރޭގައި ކުރަންޖެހުނު މުހިންމު ބައެއް މަސައްކަތްތައް އަވަސްކަމާއެކު ދަނީ ކުރެވެމުން ކަމަށް ވަނީ ވިދާޅުވެފައެވެ.
މިގޮތުން، އެތަނުގައި ކަރަންޓް ވަޔަރުކުރުމާއި ކަރަންޓްގެ އެހެނިހެން މަސައްކަތްތަކާއި، އެތަނުގެ ތެރޭގައި ހަރުކުރަންޖެހޭ ސީސީޓީވީ ކެމެރާ ހަރުކުރުމާއި، ކުލަލުމާއި އަދި، ކުރަންޖެހުނު ބައެއް ސިމެންތި މަސައްކަތްތައް ވެސް ސިފައިން ދަނީ އަވަދިނެތި ކުރަމުން ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
ސިފައިން ކުރަމުންދާ މި މަސައްކަތުގައި، ސަރުކާރުގެ އެހެނިހެން އެޖެންސީތަކާއި ކުންފުނިތަކުން ވެސް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، މިނިސްޓްރީ އޮފް ހެލްތާއި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ އިތުރުން އެސްޓީއޯ އަދި ވެމްކޯ ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.