މައްސަލައެއްގެ ތަހުގީގަށް މީހަކު ހައްޔަރު ކުރުމަކީ، ކޮންމެހެން ލާޒިމު ކަމެއް ނޫންކަމަށާއި، އަދި އެކަމަކީ، ގާނޫނު ދަންނަ ކަމެއް ނޫން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ބްލޮގް ގައި ޝާއިއު ކުރެއްވި އާޓިކަލް އެއްގައި ވިދާޅުވީ، ހައްޔަރުކުރުން ހުއްދަ ސަބަބުތައް ގާނޫނުއަސާސީގެ 49 ވަނަ މާއްދާގައި އޮތް އިރު، ”ތަހުގީގުގެ ބޭނުމަށް“ މީހުން ހައްޔަރު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ގާނޫނު ތަންފީޒުކުރާ ބައެއް މީހުންނާއި ބައެއް އާންމުންނަށް ހީވެފައި އޮންނަނީ، ތަހުގީގު ކުރުމަށްޓަކައި، މީހުން ބަންދުކުރަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ލިޔުމުގައި ބުނެފައިވަނީ، ކުރިން ރާއްޖޭގައި އަމަލުކުރަމުންދިޔަ ގޮތުންނަމަ ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހަކު، އެއްވެސް ސުވާލަކާ ނުލައި ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފައި ބެހެއްޓުމުގެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށާއި އެއަށްފަހު، ތަހުގީގުކުރާ އިދާރާގައި އޮންނަ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ތިން މެމްބަރުންގެ ކޮމިޓީއަށް ހުށަހަޅައިގެން އިތުރު 15 ދުވަހަށް (ޖުމްލަ 23 ދުވަހަށް) ޖަހާކަމަށެވެ.
ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަންފެށި ފެހިގާނޫނު އަސާސީއަށްފަހު ހައްޔަރުކުރުމާބެހޭ ގާނޫނަށް ގެނައި ބަދަލާއި އެކު، ކުށެއް ކުރަނިކޮށް ފެނިއްޖެ ހިނދެއްގައި މެނުވީ، ކޯޓު އަމުރަކާ ނުލައި މީހަކު ބަންދު ނުކުރެވޭނެކަމަށް ކަނޑައެޅުނު ކަމަށާއި މީހަކު ހައްޔަރު ކުރުމާއެކު ގިނަވެގެން 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަންޖެހޭނެކަމަށްވެސް ކަނޑައެޅުނުކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް މިފަދައިން އޭނާގެ ބްލޮގް ގައި ޝާއިއު ކުރައްވާފައި މިވަނީ، ގެވެށި އަނިޔާގެ ތުހުމަތު އުފުލިފައިވާ، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ހައްޔަރު ކުރުމުގެ އަމުރެއް ކޯޓުން ދީފައި ނުވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވުމުންނެވެ.