މާލޭގެ މަގުތަށް ދޮވެ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ.
މިމަސައްކަތް މިއަދު ފަށްޓަވައި ދެއްވީ، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
މިކަމާއި ގުޅިގެން ޑރ މުއިއްޒު ވިދާޅުވީ، މާލޭގެ މަގުތަށް ދޮވެ ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ފެއްޓެވީ، ހެލްތު މިނިސްޓްރީ އާއި އެޗްޕީއޭގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެންމެ ފުރަތަމަ އިސްކަމެއް ދީގެން ޑިސްއިންފެކްޓު ކުރުމުގެ މަސައްކަތް ކުރާނީ، އާއްމުކޮށް މީހުން އެއްވެ އުޅޭ ސަރަހައްދު ތަކުގައި ކަމަށާއި، އެހެން ނަމަވެސް މާލޭގެ ހުރިހާ މަގުތަކެއް ޑިސްއިންފެކްޓު ކުރުމަށް ހަމަޖެހިފައި ވާކަމަށެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ، މި މަސައްކަތް ކުރުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށާއި، ވަކިން ހާއްސަކޮށް މިނިސްޓަރ ނަސީމްގެ އެއްބާރުލުން މިކަމުގައި ލިބޭ ކަމަށެވެ.
މިމަސައްކަތުގެ ދަށުން ވިލިމާލެ އަދި ހުޅުމާލޭގެ މަގުތައް ޑިސްއިންފެކްޓު ކުރުމަށް ހަމަޖެހިފައި ވާކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.