6.1 މެގްނިޓިޔުޑްގެ ބާރުގަދަ ބިންހެލުމެއް ޗައިނާއަށް އައިސް 3 މަރުވެއްޖެއެވެ.
ޗައިނާގެ ޔުނާން ޕްރޮވިންސްއަށް އައި މި ބިންހެލުމުގައި މިހާތަނަށް 3 މަރުވެފައިވާ ކަން އެ ޤައުމުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މި ޢަދަދު އިތުރުވުންވެސް އެކަށީގެންވާ ކަމަށް ވަނީ ހާމަކޮށްފައެެވެ.
މިއަދު ޗައިނާ ގަޑިން 21:08 ގައި އައި ބިން ހެލުން އައިސްފައިވަނީ ކަނޑުގެ އަޑިން 10 ކިލޯމީޓަރު އަޑިއަށް ކަމަށްވެސް ވަނީ މަޢުލޫމާތުލިބިފައެވެ.
ފަރުބަދަމަތީ މި ޕްރޮވިންސްއަށް އައި މި ބިންހެލުމުގައި މިހާތަނަށް 27 މީހަކަށް ވަނީ އެކިވަރުގެ ގެއްލުންވެފައެވެ. އަދި ޔުނާން ޕްރޮވިންސްއިން 20،000 އަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ގެންގޮސްފައެވެ. މި ސަރަހައްދުގައި 100،000 މީހުން ދިރިއުޅޭކަމަށް ރެކޯޑުތަކުން ދައްކާ ކަމަށްވެސް އެ ޤައުުމުން ވަނީ ޢާންމުކޮށްފައެވެ.
ޗައިނާގެ ނޫސްތަކުން ވަނީ މި ބިންހެލުން އައި ވަގުތު އައި ލޮޅުންތައް ވީޑިއޯގެ ޒަރީޢާއިން ދައްކާފައެވެ. އަދި މި ވީޑިއޯތަކަށް ބަލާއިރު، އެކިވަރުގެ ގެއްލުންތައް ވާ ތަންވެސް ވަނީ ފެނިފައެވެ.
ބިންހެލުން ރެކޯޑު ކުރާ މޮނީޓަރުން ފެންނަ ގޮތުގައި، މި ބިންހެލުމަށްފަހު އިތުރު ލޮޅުންތައްވެސް ވަނީ އައިސްފައެވެ.