އަންނަ އަންގާރަދުވަހު މާލެ ސިޓީ ފުރަބަންދު ކުރަން އުޅޭކަމަށް ބުނެ ފަތުރަމުންދަނީ ހަގީގަތެއް ނެތް ވާހަކަ އެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް ވިދާޅު ވެއްޖެއެވެ.
ޓެގް އާއި ކަމާއި ގުޅުން ހުރި އިދާރަތައް ތިބޭ އެޗްއީއޯސީގެ ކޮމެޓީން މި މަހުގެ 25 ވަނަ ދުވަހު މާލެ ސަރަހައްދު ފުރަބަންދު ކުރުމަށް ނިންމާފައި ވާކަމަށާއި މި ނިންމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައި ވާކަމަށް ބުނެ ހަބަރު ފެތުރުމާއި ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅޭ ގޮތުން ވާހަކަ ދެކެވެމުން ދާއިރު ފަހަކަށްއައިސް ރާއްޖެއިން އަންނަނީ ރެކޯޑް އަދަދަކަށް މީހުން ބައްޔަށް ފައްސިވެ، ބަލީގައި ނިޔާވަމުންނެވެ.
އެގޮތުން މިއަދު އެކަނިވެސް ރާއްޖެއިން މިބަލީގައި 4 މީހަކު ނިޔާވެ، ޖުމްލަ އަދަދު ވަނީ 120 އަށް އަރާފައެވެ.