ހުޅުމާލޭގައި ޢިމާރާތަކުން ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ ހުޅުމާލޭ ނިރޮޅުމަގު 06 ނަންބަރު ގޯޅީގައި މީހަކު ވެއްޓިފައި އޮތްކަމުގެ މަޢުލޫމާތު ރޭ ދަންވަރު 03:00 ގައި ލިބިފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށާއި، އައިޖީއެމްއެޗަށް ގެންގޮސް އޭނާއަށް ފަރުވާދެމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހެއެއް ނެތްކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވެއްޓިފައި އޮތީ ހުޅުމާލޭގެ ގެސްޓުހައުސްއަކުންނެވެ. އަދި އޭނާ އޮތީ ބަރަހަނާ ހާލުގައިކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފުލުހުން ވަކި އެއްޗެއް ވިދާޅެއްނުވެއެވެ. ފުލުހުން ވިދާޅުވީ އެ މައްސަލަ ބަލަމުން އަންނަކަމަށެވެ.