ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް އޭޑީކޭގައި ފަރުވާދެމުން ދިޔައިރު، އެ ހޮސްޕިޓަލުގެ ފާހާނާތެރެއިން ފެނުނު ފިސްތޯލަ އެ ތަނުގައި ބޭއްވި ސިފައިންގެ މީހާ ޑިއުޓީތަކުން އެކަހެރިކޮށްފިއެވެ.
އޭޑީކޭ ހޮސްޕިޓަލުގެ ފާހާނާއެއްގެތެރެއިން ފެނުނު ފިސްތޯލައަކީ ރައީސް ނަޝީދުގެ ގާޑެއްގެ ފިސްތޯލައެއްކަމަށާއި، އޭނާއަށް އެ ތަނުގައި ފިސްތޯލަ ބޭއްވިފައި ނިކުމެވުނީކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިކަން ކަށަވަރުކޮށްދެއްވަމުން އެމްއެންޑީއެފުން ވިދާޅުވީ ފާހާނާގައި ފިސްތޯލަ ބޭއްވިފައިވަނީ ސިފައިންގެ މީހާ އަތުން ކަމަށާއި، އެކަމާ ގުޅިގެން ސިފައިންގެ ޑިއުޓީތަކުން އޭނާ އެއްފަރާތްކޮށްފައިވާ ކަމަށެވެ. ހަމައެހެންމެ މިލިޓަރީ ޕޮލިހުން މައްސަލަ ބަލައި އިތުރަށް ތަޙްޤީޤުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅައިފައިވާ ކަމަށެވެ.
މި މަހުގެ ހަވަނަ ދުވަހުގެރޭ ރައީސް ނަޝީދަށް ދިން ޓެރަރިސްޓު ހަމަލާގައި އެ މަނިކުފާނަށް ސީރިއަސް އަނިޔާތަކެއް ލިބިވަޑައިގަތެވެ. އެ އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އެ މަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލެއްގައި އިތުރަށް ފަރުވާ ހޯއްދަވަމުންނެވެ.