އެގާރަ ވަނަ ބައި
ރީތިވެލައިގެން އަހަރެން ނުކުތުމުން އަޒާން ވަރަށް ރަނގަޅަށް އަހަންނަށް ބަލައިލިއެވެ. އަދި ލާނެއް ގޮތަކަށް ހީނލިއެވެ. އަހަރެން ލޯއަޅައިލީމަ އެދުނީ ހަނދުވަރު ރީތި މިރޭ ކުޑަކޮށް ދުއްވާލަން ދިއުމަށެވެ. އެއީ އެފަދަ ދަޢުވަތެއް މީހެއްގެ ފަރާތުން އަހަންނަށް ލިބުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން ކުޑަކޮށް ޖެހިލުންވި ނަމަވެސް އެކަމަށް އާނ ބަސް ބުނީމެވެ.
މަޑުމަޑުން ހިނގާލާފައި ގޮސް އަހަރެން އަޒާންގެ ސައިކަލަށް އަރާ އިށީނީމެވެ.
”ދުއްވާލަންވީ!“
ސަމާސާ ރާގަކަށް އަޒާން އެހެން އެހީވެސް ސައިކަލު ދުއްވާލަމުންނެވެ. އަހަންނަށް ވީ ގޮތަކީ އަޒާންގެ ކަންފަތު ފޫޅުގައި ހިފާ ތަދުކޮށްލެވުނީއެވެ.
”ތީ ހަމަ އަސްލުވެސް ފަރީތަ!…… ހާދަ ހަރުވެއްޖެހެން ހީވެޔޭ!“
”އެނގިއްޖެ ތި ވީ ގޮތް! ދެން އަތެއް ނުލާނަން ! އޯކޭ ނު!“
ދެރަވި ކަމަށް ހެދެމުން އަހަރެން ޖަވާބު ދިނީމެވެ. އަޒާން ކުޑަކޮށް ހީނލިއެވެ. އަދި ވައަތް ގެންގޮސް އަހަރެންގެ ކަކުލު ހުޅުގައި މަޑުމަޑުން ފިރުމައިލިއެވެ. އެ ވަގުތު އަހަންނަށް އެ ކުރެވުނީ މީގެ ކުރިން ދުވަހަކުވެސް އަހަންނަށް ކުރެވިފައި ނުވާ ކަހަލަ ފޮނި އިޙުސާސެކެވެ.
އަހަރެމެންނަކަށް މާދުރަކަށް ނުދެވުނެވެ. ވައިރޯޅިގައި ތެތް ފިނިކަން ހިފާލައިފިއެވެ. އަދި ހަމަ ކުއްލިއަކަށް ވާރޭ ވެސް އޮއްސާލާފިއެވެ. ނުތެމެންވެގެން އަޒާން ސައިކަލް އެއްފަރާތުގައި ޕާކުކުރުމަށްފަހު ފިހާރައެއްގެ އަސްކަނިދޮށަށް ދެމީހުން ދުވެ ގޮސް ވަދެއްޖައީމެވެ. އޭރު އަހަރެން ލައިގެން ހުރި އަޅިކުލައިގެ ހެދުމުގައި ފެންތިކި ހުރުމުން އެ ފޮޅާލަން އަހަރެން އުޅުނު ވަގުތު އަޒާން ވެސް އަހަންނަށް އެހީވެދިނެވެ. އަޒާންގެ ބޮލުގެ އިސްތަށިގަނޑުގައި ހުރި ފެން ފޮޅާލަ ދިނީ އަހަންނެވެ. އެކަމުން އަހަންނަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ. އަޒާންއަށް މިފަދަ ހުރިހާ ޚިދުމަތެއް މުޅިއުމުރަށް ކުރަން ޖެހުނަސް ކޮށްދޭނީ އުފަލުންނޭ އަހަރެން ހިތަށް އެރިއެވެ.
އެ ގަޑިއަކީ ރޭގަނޑުގެ ތަންކޮޅެއް ދަން ގަޑިކަމުން މަގުމަތީ ހިނގާބިނގާވެ ދުއްވައި އުޅޭ މީހުން ފުދޭ ވަރަކަށްމަދެވެ. ފިހާރަ ވެސް ހުރީ ބަންދުކޮށްފައެވެ. ވާރޭ ހުއްޓާލާކަށް ނޫޅެއެވެ. އަސްކަނިދަށުގައި އަހަރެމެން ތިއްބަސް މުޅިއަކުން ހިޔަލެއް ނުވެއެވެ. ޖެހޭ ފިނިރޯޅިންނާ އެކު ހީކަރުވައިގެން އަހަރެން ހަލާކުވާވަރު ވެއްޖެއެވެ. ހޫނުކަމަކަށް ކިތަންމެ ބޭނުން ވިޔަސް ގާތުގައި ހުރީ އަޒާން އެވެ. އަހަރެން ކަހަލަ އޭނަގެ ބަހުން ނަމަ ކުޑަކުއްޖެއްގެ ހުންނަން ވާނީ ވެސް ކުޑަކުއްޖެއްގެ އިހުސާސްތާއެވެ. ހީކަރުވައިގެން ހުރި އަހަރެން ހިތަށް އެރީ އަޒާން މިއީ ހިއްސެއްވެސް ނެތް މީހެއް ބާވައެވެ. ދެއަތް މޭމަތީ ހުރަސްކޮށްގެން މުޅި މިރޭ ވެސް އަޒާންއަށް ހަމަ ހުރެވިދާނެހެއްޔެވެ!
މި ޚިޔާލުގައި ހުރެ އަހަރެން މަޑުމަޑުން އަޒާންއާ ގާތަށް ޖެހިލާ ފުރަގަހުން އަޒާންގެ މުލައްދަނޑީގައި ހިފާ ކައިރި ވެލީމެވެ. އަދި ހީކަރުވާ ވާހަކަ ވެސް ބުނެފީމެވެ. އަޒާން އަހަރެންގެ އަތުގައި ހިފަމުން އަހަންނާ ވީފަރާތަށް އެނބުރި އެ ފުންފުން މާނަ ކުރަންދަތި ދެލޮލުން އަހަންނަށް ބަލާލިއެވެ. އަހަންނަށް ހީވީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އަޒާންގެ ދެ ލޮލުން އަހަރެން ފަދައިން އަޒާން ވެސް ހުރީ ހޫނަށް ބޭނުންވެފައި ކަން އަހަންނަށް އެނގުނެވެ.
އަޒާން މަޑުމަޑުން އަހަރެން އަޒާންގެ ގަޔާލާ ފިއްތާލިއެވެ. އަހަންނަށް ހަދާނެ ގޮތެއް ނޭނގި އިރުކޮޅަކު ހުރުމަށްފަހު ދެއަތުން އަޒާންގެ ހަށިގަނޑު ވަށައިލެވިއްޖެއެވެ. އަހަރެންގެ އެއްބާރުލުން ލިބުމުން އަޒާން އަދި އިތުރަށް ވެސް އަހަރެން ގަޔާލާ ބޮނޑިކޮށްލިއެވެ. ވައިރޯޅިއަކަށް ވެސް އެ ދެމެދަށް ނުވަދެވޭވަރަށެވެ. އެކެއްގެ ހަށިގަނޑު އަނެކެއްގެ ހަށިގަނޑުގައި ޖެހި ފިތުމުން އެ ލިބުނު އަރާމާ ރާޙަތަކީ ގައިމު މިވީހާތަނަށް އަހަރެން އަދި ތަޖުރިބާ ނުކުރާ އާ ކަމެކެވެ. ދެ ޖިސްމެއްގެ ދެމެދު އުފެދޭ ވަރުގަދަބާރަކީ މިއީތާއެވެ. ލިބުނު ހިތްހަމަ ޖެހުމުގައި އަހަންނަށް އަޒާންގެ ނަމުން މަޑުމަޑުން ގޮވައި ވެސް ލެވިއްޖެއެވެ. އަޒާން ވެސް ހަމަ އެހާ މަޑުމަޑުން އޫނ އޭ ބުނެލިއެވެ.
”އަޒާން ޕްލީޒް، ދެން އަހަރެން ދޫކޮށް ނުލައްޗޭ! އަހަރެން އަޒާން ދެކެ ވަރަށް ލޯބިވޭ! “
މި ފަހަރު މި ލަފުޒު ތައް އަހަރެން އަނގައިން ނުކުތީ ކެތް ނުކުރެވިގެންނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އަހަރެން އިނީ އެނދުގެ މެދުގައި އިށީނދެ އެވެ. މި ރީތި ހުވަފެން މުޅި އުމުރަށް ދިގު ދެމިގެން ދާން ހިތް އެދުނަސް މިހާރު އަހަރެންނަށް މިއިނދެވުނީ ހަގީގީ އާލަމަށް އާދެވިފައެވެ.
ގަޑިން ވީއިރެއް ބަލައިލާން ވެގެން ފޯނު ނަގައި ބަލައިލީމެވެ. ގަޑިން އަދި ބާރަވެސް ނުޖަހައެވެ. އަނެއްކާވެސް މި ފެނުނު ކުލަ ރީތި ހުވަފެނާމެދު ވިސްނެން ފެށުނެވެ. އަޒާންގެ ހަށިގަނޑުން ލިބުނު ހޫނުކަން އަދިވެސް އެ ގޮތުގައި އިޙުސާސް ކުރެވެމުން އެބަ ދެއެވެ. ލޯތްބަކީ ހާދަހާވާ ބާރުގަދަ ޖަޒުބާތެކެވެ.
ފޯނު ހުޅުވައިގެން ބަލައިލީމެވެ. މިފަހަރު އަޒާން އިނީ އޮންލައިންގައެވެ. އެހެންކަމުން އަޒާންގެ ނަމުން ގޮވައިލީމެވެ. ޖަވާބެއް ނުލިބުނެވެ. ސީން އެއްވެސް ނޭރިއެވެ. ވީދެރައިން ފޯނު ނިއްވަލާފައި ބޭއްވީއެވެ.
ފަތިހު ތެދުވެ ފަތިސްނަމާދުކޮށްލައިގެން ސައިގެ ކަންތަކާ އުޅުމަށްފަހު ފޯނުގެ ޑާޓާ ޖެއްސުމަށްފަހު ސްކޫލަށްދާން ތައްޔާރުވާން ހުއްޓާ ފޯން ރިންގްވާ އަޑު އިވިއްޖެއެވެ. ފުރަތަމަވެސް ހިތަށް އައީ އަޒާންގެ ނަމެވެ. ދުވެފައިގޮސް ފޯނު ނެގިއިރު އަސްލު ވެސް އެއީ އަޒާން އެވެ. އަހަރެންގެ ދެލޮލުގެ ވިދުން އާދަޔާ ޚިލާފަށް ގަދަވެގެން ދިޔައެވެ. މޫނުމަތިން ހިނިތުންވުން ފާޅުވެގެންދިޔައެވެ. އޭރު ވެސް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ރޭގެ އެރީތި ހުވަފެން ވިއްޔާއެވެ.
ހަލޯ އޭ އަހަންނަށް ބުނެވުނީ ދެތިން ފަހަރު ފަރީއޭ ކިޔައި އަޒާން ގޮވައިލުމުނެވެ. ވަރަށް ރީތި ނިސްވާނީ އަޑަކުން ހަލޯ ބުނަން ބޭނުން ވިޔަސް އަހަރެންގެ އަޑު ނިކުތީ ކުރެހިގެން ކެނޑި ކެނޑިގެންނެވެ. އިތުރު އެއްޗެކޭ ނުބުނެ ދެމީހުންނަށް ވެސް އިރުކޮޅަކު ތިބެވުނެވެ. އެއަށްފަހު ދެން ވެސް އިވުނީ އަޒާންގެ އެ ރީތި ހިތްގައިމު ފިރިހެންވަންތަ އަޑެވެ.
“ސައި ބުއީތަ! “
އޯގާތެރިކަމާ އަޅާލުމުން ފުރިފައިވާ ލޯބިވެތި ސުވާލެކެވެ.
”އުހުނ! އަދި ނުބޮން!“
މަޑުމަޑުން އަހަރެން ޖަވާބު ދިނުމުން ސްކޫލަށް ދާ ގަޑި އެހުމަށްފަހު އަޒާން އެދުނީ އެގެއަށް ސައިބޯން އައުމަށެވެ. އަހަރެން އުޒުރުވެރިވެ މިރޭ ދާނަން ކަމުގައި ބުނީމެވެ. އަޒާން ވެސް އެ ގޮތް ގަބޫލުކުރިއެވެ.
އަޒާންމެންގެ ގެއަށް އަހަރެން ދިޔައީ ޒިންދުއަށް ކާންދޭ ގަޑިއަށެވެ. ފަޒިއްތަގެ ކޮޓަރީގައި ޓަކިދިނުމަށްފަހު ދޮރު ހުޅުވާލުމުން ފަޒިއްތަގެ މޫނުމަތިން ހިތްހަމަ ޖެހުމުގެ ކުލަވަރު އަހަންނަށް ފެނުނެވެ.
“އާދޭ، އާދޭ!….. އިށީނދޭ ! ފަޒިއްތަ މިއުޅެނީ ވެސް ގުޅަން! “
ފަޒިއްތަގެ ޢާންމު ހިތްހެޔޮ ރާގުގައި ފަޒިއްތަ ބުންޏެވެ. އިރުކޮޅަކު އެތާ ވާހަކަ ދައްކާލަން އިނުމަށްފަހު ޒިންދު ކޮބައިތޯ އަހާލެވުނީ އެތަށް އިރަކަށް ކެތްކޮށްގެން އިނުމަށްފަހުއެވެ.
”ކޮޓަރީގަވާނީ! ދޭބަލަ!……… އެމަންޖެ ވަރަށް އުފާވާނެ ފަރީ ފެނުނީމަ!“
އަޒިއްތަގެ ޖަވާބު އަޑުއިވުމާއެކު އަހަރެން ހުރީ ދާން ތެދުވެއެވެ. އެކަމަށް އަހަރެން އެދި ހުރިވަރު ސިއްރުކުރަމުން ގޮސް އަޒާންގެ ކޮޓަރީގައި ޓަކި ޖަހާލީމެވެ. އެތެރެއިން ކާކުތޯ އެހުމުން ޖަވާބެއް ނުދިނުމުން އަޒާން އައިސް ދޮރު ހުޅުވާލިއެވެ.
”މުސާފިރެއް! “
ތުއި ގޮތަކަށް އަހަރެން ބުނީމެވެ. އެވަގުތު އަޒާންއަށް ވެސް ހެވިއްޖެއެވެ. އަދި އަހަރެން އެތެރެއަށް ވަންނަން ތަންދެއްކުމަށްފަހު ދޮރުލައްޕާލިއެވެ. އަހަރެން ހަމަ ފެނުމާއެކު ކުރަހަން ގެންގުޅުނު ފޮތް އެއްފަރާތަކަށް އެއްލާލުމަށްފަހު ޒިންދު ދުވެފައި އައިސް އަހަރެންގެ އެއް އަތުގައި ހިފައިފިއެވެ. އަޒާން ފަހަތުން އައިސް މިއީ އަހަރެން ހިފަންވި އަތްދޯއޭ ބުނެ އަނެއް އަތުގައި ހިފައިފިއެވެ. އެ ވަގުތު އަހަންނަށް ފާޑަކަށް އަޒާންގެ ހަށިގަނޑުގައި ލެނގި ލެވުނެވެ. އަޒާން އެއީ ދުރު ހިލޭ ފިރިހެނެއްކަމުގެ އިހުސާސެއް އަހަންނަކަށް ނުކުރެވުނެވެ. އަހަރެން މިކަންކުރި ގޮތުން އަޒާން ވެސް އެކަމަށް އެދިގެން ހުރިކަން އޭނަގެ މޫނުމަތިން ދެނެގަނެވުނެވެ.
އެރޭ ޒިންދުއާ ސަކަރާތް ޖެހުމުގައި އެގޭގައި އެގާރަ ޖަހަންދެން އަހަރެން އުޅުނީމެވެ. ޒިންދުއަށް ކާންދީ ނިންދަވައި ކަންތައް ކުރީ އަހަންނެވެ. ފަޒިއްތަ ވެސް ހީވަނީ އެ ފުރުސަތު އަހަންނަށް ދީގެން ހުރިހެންނެވެ. އެގާރަ ޖަހަން ކައިރިވާތީ އަޒާން ގާތު އަހަރެން ގެއަށްލާން ދެވިދާނެތޯ އަހަރެން އެހީ ވައިބަރ އިން މެސެޖަކުންނެވެ. އަހަރެން މެސެޖް ކުރީ އަޒާން ފިހާރައަކުން ބައެއް އެއްޗެހިގަންނަން ނިކުތުމުންނެވެ.
އަޒާން އެނބުރި އައި އިރު އަހަންނަށް އޮވެވުނީ ޒިންދު ގެ މަގަތުން އޮށޯވެ ކުޑަކޮށް ނިދި ޖެހިފައެވެ. ހޭލެވުނީ މީހަކު އަހަރެންގެ އަތުގައި މަޑުމަޑުން ހިފާ ފިތާލުމުންނެވެ. އަހަންނަށް ލިބުނީ ކުއްލި ސިހުމެކެވެ. ފުންމައިގެން ތެދުވެވުނު ގޮތުން މޫނު ގޮސް ޖެހުނީ އަހަންނާ ދިމާލަށް ގުދުވެގެން އޮތް އަޒާންގެ މޫނުގައެވެ. ފުރަތަމަ ދެމީހުންނަށް ވެސް އެއްފަހަރާ ހެވުނީއެވެ. އަހަރެންގެ ހުނުން ހުއްޓާލީ އަހަރެން ހޭތަން ވަރަށް ގާތުން ބަލަން ހުރި އަޒާންގެ ބެލުމުން އުނދަގޫވެގެން ލަދުންނެވެ. އެ ވަގުތު އަޒާން މަޑުމަޑުން ގުދުވެ އަހަރެންގެ ނިތުގައި އޭނަގެ ހޫނު ހޫނު ތުންފަތުން ބޮސްދިނެވެ. އަދި އަހަރެން ގަޔާލާ ބޮނޑިކޮށްލުމަށްފަހު ކުރީ ސުވާލެކެވެ.
”އަހަރެމެން އުޅެންވީ އަދި ވެސް މިހެންތަ!“
ކިތަންމެ މަޑުން އަޒާން އެހެން އެހިޔަސް އަޒާން ވެސް އެކަމަށް ނިހާޔަތަށް ބޭނުންވެގެން އެހީކަން އަޑުގައި ހުރި މޮޅިވެރިކަމުން އަހަންނަށް އިޙުސާސްވިއެވެ. އެއީ މަސްތު ކުރަނިވި ފިރިހެންވަންތަ އަޑެކެވެ.
އަހަރެން އެއްޗެކޭ ނުބުނުމުން ކައިރީގައި ޖެހިފިތިގެން އިށީނދެ އަނެއްކާ ވެސް އަހަރެންގެ އަތްތިލާގައި ހިފާ ފިތާލަމުން އެއަތްތިލަ ގެންގޮސް އަޒާންގެ އުނގުމަތީ ބޭއްވިއެވެ. މަޑުމަޑުން އަހަރެންގެ އަތުގައި އަޒާންގެ އަތުގެ އިނގިލިތަކުން ފިރުމަމުން އޭނަގެ ހަޔާތަށް އައުމަށް އެދި ދައުވަތު ދިނެވެ. ގޭތެރެއިން ފުރަތަމަ ފެނުނު ދުވަހު ވެސް އަހަންނާ ގަޔާވެވުނުކަމަށާ އެތައް ކުދިންނެއް އެގޭގައި ތިބެގެން ކިޔަވައި ނިމިގެން ދިޔައިރު ވެސް އެއްވެސް ކުއްޖަކާ މެދު ހިތުގައި އެއްވެސް އިހުސާސެއް ނުހިނގާ ކަމަށާ އަހަރެން އެގެއަށް ދިޔައިރު ވެސް އަތޫއާ ދެމީހުން އުޅެނީ ރައްޓެހިވެގެން ކަމަށްވެސް ބުންޏެވެ. އަހަރެންގެ މައްސަލާގައި އަތޫއާ ދެމީހުން ކައިވެނި ކުރުމުގެ ކުރިންނާ ފަހުން ވެސް އެތައް ޒުވާބެއް ކުރަން ޖެހުނުކަމަށް ބުނީ ވަރަށް ދެރަވެފައި އިނދެއެވެ. އަތޫ އޭނަޔާ ވަކިވެގެން ދިއުމުން ވަރަށް ދެރަވިކަމަށާ މިހާރު ވެސް އެކަމާ ވިސްނޭ ކަމަށްބުންޏެވެ.
“އެއީ އަހަރެންގެ ފަސްޓް ލަވް، އަހަރެންގެ ޒިންދުގެ މަންމަ! ދުވަހަކު ވެސް އަތޫ މައްޗަކުން ހަނދާނެއް ނުނެތޭނެ!“
ނިހާޔަތަށް ދެރަވެފައި އަޒާން ވާހަކަ ކުރިއަށް ގެންދިޔައެވެ. އަޒާންގެ ވާހަކަ އަހަރެން ގަބޫލުކުރީ ހިތުން ރުހުމުންނެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަން އޮންނަންވާނީ ވެސް އެހެންނެވެ. އެކަން އެހެން އޮތުމަކުން އަހަންނަށް ލިބޭނެ ގެއްލުމެއް ކީއްކުރަން ދެރައެއް ވެސް ނެތެވެ.
“އަހަންނަށް އެނގޭ! އަހަރެންގެ ހިތުގައި އަތޫއަށް އެއްވެސް ބަރުކަމެއްނެތް! އަހަރެންގެ ހިތް ސާފު!…… އަހަންނާ ހެދި ދެމީހުން ޒުވާބު ކުރީތީ ވަރަށް ދެރަވެސް ވެއްޖެ! …….. އަޒާންއަށް އެނގޭތަ އަހަރެން މިގެއިން ދިޔައީ ވެސް ތި ދެމީހުންގެ ދޭތެރެއަށް ނުވަންނަން ވެގެން! ތި ދެމީހުން އެއްރޭ ޒުވާބުކުރި އަޑު އަހަންނަށް އިވުމުން! އެވަގުތު އަތޫ ވެސް އަޒާން ވެސް …. އެކަކުވެސް އަހަރެންގެ ނަން ބޭނުމެއް ނުކުރޭ! އެކަމު އަހަންނަށް އެނގުނު ދެކެވުނީ އަހަރެންގެ ވާހަކަ ކަން! ސަބބަކީ އޭރު ވެސް ތި ދެލޮލުން އަހަންނަށް ލޯބީގެ ހުޅުކޮޅު ފަނޑު ކޮށް ނަމަވެސް ފެންނަމުން ދިޔައިމަ!“
އަހަރެން ގެ ވާހަކަ އަޑު އިވުމުން އަޒާން އަހަރެންގެ މޫނަށް ފުންކޮށް ބަލައިލީ ލޯބިވެތި ނަޒަރަކުންވެ. އަހަރެން ބޯޖަހަލީމެވެ.
ދެން ދިޔައީ ދެމީހުންކުރެ އެކެއްގެ ވެސް އަޑު ބޭރުނުވެ ދިޔަ ހިމޭން ވަގުތުކޮޅެކެވެ. އެކަކު އަނެކަކަށްޓަކައި ހިތާފުރާނައިން ގުރުބާން ވުމަށް ދެމީހުންވެސް ވައުދުވެ ހުވާކުރަމުން ދިޔައީ ކޮންމެމީހަކު ވެސް އަނެކަކަށް އަޑު އިއްވަން ލަފުޒުތަކެއް ބޭނުންކޮށްގެނެއް ނޫނެވެ. ހިތާހިތުންނެވެ. ދިރިއުޅުމުގެ ބާކީބައި ދެމީހުންވެސް އަނެކަކަށް ވަގުފުކޮށްދީ މަރުވަންދެން އެކުގައި އުޅުމަށް ނިންމީ ވެސް ހިތާ ހިތުންނެވެ. ކޮންމެ މީހަކަށް ވެސް އަނެކެއްގެ ހިތުގެ ވާހަކަ އެހިތުގައި ޖަހާ ވިންދުން ކިޔައިދިން ފަދައެވެ. އިތުރަށް ކުރަން ޖެހޭ ވަޢުދެއްވިއްޔާ ފަހުން މިއަށްވުރެން ވެސް ގާތުގައި ތިބެގެން ކުރާނީއެވެ.
އެރޭ އަހަރެން އަޒާންގެ ސައިކަލުގެ ފަހަތުގައި އިށީނދެ އިނީ އުޑުގައިވާ ތަރިތަކާ ކާއިނާތުގައި ރަސްކަން ކުރަމުންދިޔަ ހަނދުމަހެއްގެ ފަނަރަ ވިލޭރޭގެ ހިތްގައިމު ރީތި ހަނދުގެ ކުރިމަތީގައެވެ. އަޒާންގެ ކޮނޑުގައި ބޯއަޅާލައިގެން އަހަރެން އޮތް އިރު އަޒާން ސައިކަލް ދުއްވަމުން ދިޔައީ އެ ސައިކަލަށް ފުރަތަމަ އަހަރެން އެރި ދުވަހު ދެމީހުންގެ ދެމެދު ހުރި ދުރުމިން ނައްތާލަމުންނެވެ. އެއް އަތުން އަހަރެންގެ އަތުގެ އިނގިލި ތަކާ ކުޅެމުން އަޒާން ސައިކަލް ދުއްވަމުން ދިޔައިރު އަޒާންގެ ހަށިގަނޑުގެ މީރުވަހުން އަހަރެން މަސްތުވަމުން ދިޔައީ އެ މަސްތުން ދުވަހަކުވެސް ދުރުނުވެވޭ ވަރަށެވެ.
ނިމުނީ…
😊 vv reethi
V.reethi konme dhuvahaku ves vaahaka kiyan furusath libeythee v ufaavi .Adhi v.v .shukuru😍.Aaa vaahaka akah inthizaarkuran
V.v.reethi.uhmmeedhu kuran dhen genas dhey vaahaka ves reethi vaane kamah
އެނިމުނީތަ.ވ.ވ.ރީތި .އުއްމީދު ކުރަން ދެންގެނަސް ދޭވާހަކަވެސް މިހާ ރީތި ވާނެކަމަށް.
Kaaaalwwww😂😂😂😂hama iraaiy dhw thigen mareh ingey…. ehn vhk eh v avahah genesdheynekamah ummydhukuran😂😂😂
އެނިމުނީތަ.ވ.ވ.ރީތި .އުއްމީދު ކުރަން ދެންގެނަސް ދޭވާހަކަވެސް މިހާ ރީތި ވާނެކަމަށް.
ވާހަކަވަރަށް ރީތި އުއްމީދު ކުރަންއަވަހަށް އެހެންވާހަކައަކަށް