ގެވެށި އަނިޔާގެ ސީރިއަސް ތުހުމަތުތަކެއް ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ ހައްޔަރުކުރުމުގެ ޢަމުރު ނެރެދެވެން ނެތްކަމަށް ކްރިމިނަލް ކޯޓުން މިރޭ ބުނެފިއެވެ.
ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، އޭނާގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާކުރެއްވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙްޤީޤަށް ޢީސަ ހައްޔަރުކުރަން ޢަމުރެއްނެރެދިނުމަށް ފުލުުހުން އެދިފައިވަނީ ރޭގައެވެ. އެ ގޮތުން ޕްރޮސެކިއުޓާރ ޖެނެރަލްއިން ޢީސަ ހައްޔަރުކުރުމުގެ ޢަމުރު ހޯދަން ކްރިމިނަލް ކޯޓަށް މިއަދު ހުށަހެޅިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ ޢަމުރު ނެރެދެވެން ނެތް ކަމަށެވެ.
ޢަމުރާގުޅޭ މައްސަލައިގައި ކްރިމިނަލް ކޯޓުން ބުނީ ޢީސަގެ މައްޗަށް ތުހުމަތުކުރެވޭ ގެވެށިއަނިޔާގެ ކުށް އޭނަ ކުރެއްވިކަމަށް ތުހުމަތުކުރެވޭ ސަބަބުތަކެއް ހުރިކަމަށްވިޔަސް ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އޭނާ ހައްޔަރުކުރަން ޢަމުރެއް ނެރުމުގެ ޤާނޫނީ ބިނާއެއްނެތް ކަމަށެވެ.
މި މައްސަލައިގައ ހެކިބަސް ދޭންތިބި ފަރާތްތަކުގެތެރެއިން މި ވަގުތު ބަޔާން ނުނަގައި ތިބި ފަރާތްތަކަށް ޢީސަ ނުފޫޒު ފޯރުއްވަވައިފާނެކަމަށް ފުލުހުން ވަނީ ޕީޖީއަށް ދަންނަވައިފައެވެ. އެކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ބުނީ އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ހުށަހަޅައިފައިނުވާ ކަމަށެވެ.
ޢީސަ ހައްޔަރުކުރަން އެދުނީ އޭނާގެ އަންހެނުން އަސްރާގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި ދަރިފުޅު ލޫޠު އަތުލައި ގޭގެ ބެލްކަނިން ބޭރަށް މަގުމައްޗަށް ދިއްކޮށް ދަރިފުޅު މަރައިލާނެކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުންވާނެހެން ޢީސަ ޢަމަލުކޮށްފައިވާކަމަށް ބުނެ ފުލުހަށް ހުށަހަޅައިފައިވާ މައްސަލައިގެ ތަޙްޤީޤަށެވެ. އެ ގޮތުން ޢީސަ ހައްޔަރުކުރުމުގެ ޢަމުރަކަށް އެދުނީ އޭނާ މުޖުތަމަޢުތެެެރެއަށް ދޫކޮށްލައިފައި ހުރެއްޖެނަމަ، އޭނާގެ ފަރާތުން މި މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވާނެކަމުގެ ބިރުއޮތުމުންނެވެ.
މި މައްސަލައަކީ މި މަހުގެ 19 ވަނަ ދުވަހު ހިނގައިފައިވާ ހާދިސާއެއްކަން ފާހަގަކޮށް ކްރިމިނަލް ކޯޓުން ބުނީ ހާދިސާގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރުމާއެކު، ކުށުގެ ވެށްޓަށްދިޔައިރު ޢީސަ ނެތްކަން އެނގޭކަމަށެވެ. އެހެންކަމުން މިއީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގައި ހިމެނޭ ކުށަކަށް ނުވާތީއާއި، ޤާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގެ 59 ވަނަ މާއްދާއާއި، 60 ވަނަ މާއްދާގައި ކުށެއްގެ ތުހުމަތުގައި މީހަކު ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެތެރޭގައި ތަޙްޤީޤުގެ ބޭނުމަށް ބަންދުގައި ބެެހެއްޓުން ނުހިމެނޭ ކަމަށެވެ.
ޢީސަ ހައްޔަރުކުރުމުގެ ޢަމުރު ކްރިމިނަލް ކޯޓުން ނެރެދީފައިނުވާއިރު، އެކަން އިސްތިއުނާފުކުރަން ނިންމިކަމެއް ނުވަތަ ނޫންކަމެއް ޕީޖީން ހާމައެއް ނުކުރެއެވެ.