ރައްޔިތުން މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރުކަމުގައި މިއަދާއި ހަމައަށް ހުންނެވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، އޭނާގެ އަންހެނުން އަސްރާ ނަސީމަށް އަނިޔާކުރެއްވިކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ޢީސަގެ ދިފާޢުގައި ޖުމްހޫރީ ޕާޓީގެ މެންބަރު އަދި މާމިގިލި ދާއިރާގެ މެންބަރު އޮނަރަބަލް ޤާސިމް އިބްރާހިމް ދެއްކެވި ވާހަކަތަކަށް ކުރީގެ ބަންޑާރަ ނައިބު ޢާއިޝަތު އާޒިމާ ޝުކޫރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ޤާސިމް ކުރެއްވި މެސެޖެއްގައި ވަނީ ޢީސަގެ ދަރިފުޅު ބެލްކަނިން ބޭރަށްނެރެ މަރައިލާނެކަމަށް ޢީސަ ވިދާޅުވިކަމަށް ކުރެވޭ ތުހުމަތުތަކުގެ ދިފާޢުގައި ވާހަކަދައްކަވައިފައެވެ. ޢީސައާއި އޭނާގެ ދަރިފުޅުގެ ފޮޓޯއަކަށް ޢިޝާރަތްކުރައްވައި ޤާސިމް ވިދާޅުވީ މިފަދަ ލޯބިވާ ކުއްޖަކާމެދު ޢީސަ އެފަދަ ޢަމަލެއް ހިންގަވައިފާނެކަމަށް ޤަބޫލުފުޅު ކުރައްވާން ދަތިކަމަށެވެ.
”އަންހެނަކު ހަދާފާނެ ކޮންމެފަދަ ދޮގެއްވެސް. ވީމަ ތަޙްޤީޤުކުރަން ވާނީ ވަރަށް އިންސާފުންކަމަށް ދެކެން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ގެވެށި އަނިޔާގެ ޤާނޫނު އެވަނީ ހައްދެއްނެތް މިންވަރަށް އަންހެން ބޭފުޅުން ހިމާޔަތްކުރާ ގޮތަށް.“ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށް ޤާސިމް ކުރެއްވި މެސެޖުގައިވެއެވެ.
ޤާސިމް ވިދާޅުވީ ތަަޙްޤީޤެއް ހިންގުމަށް މީހަކު ހައްޔަރު ކުރެވޭނީ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހަތަރު ސަބަބެއް ފުރިހަމަވުމުން ކަމަށެވެ. އެ ނޫން ގޮތަކަށް މީހަކު ހައްޔަރުކުރުން ޤާނޫނުއަސާސީއާއި ޚިލާފުވާނެ ކަމަށެވެ. ހަމައެހެންމެ މީހަކު ބުނާހައި ބަހަކަށް އެއްވެސް މީހަކު ހައްޔަރުކުރެވިގެން ނުވާނެކަމަށާއި، އެހެންވެއްޖެނަމަ އެއީ އިންސާފުން ބޭރުން އެ މީހަކަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. ޤާސިމް ވިދާޅުވިގޮތުގައި ޢީސަގެ މައްޗަށް ތުހުމަތުކުރެވިފައިވާ ގެވެށި އަނިޔާގެ މައްސަލަ ތަޙްޤީޤުކުރަންޖެހޭނީ އެއްވެސް މީހަކު ހައްޔަރުނުކޮށް، އެއްވެސް މީހަކު ބަންދުގައި ނުބަހައްޓައި ޢަދުލުވެރިކަމާއި އިންސާފުންނެވެ.
ޤާސިމްގެ ވާހަކަތަކާއި ގުޅިގެން އާޒިމާ މިއަދު ވަނީ، ޤާސިމަކީ ސިޔާސީ ޕާޓީއެއްގެ ލީޑަރެއްތޯއާއި، ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި ހުންނެވި ބޭފުޅެއްތޯ ސުވާލުކުރައްވައިފައެވެ. އަދި ޤާސިމަށް ދެއްކެވުނު ވާހަކަތަކަކީ އެނގިވަޑައިގަންނަވާ ވާހަކަތަކެއްތޯ ވެސް ސުވާލުކުރެއްވިއެވެ.
އާޒިމާ އިތުރަށް ވިދާޅުވީ ރައްޔިިތުން މަޖިލީހުގެ މެންބަރުކަމުންނާއި، ސިޔާސީދާއިރާއިން އެކަހެރިވެވަޑައިގަންނަވާން ޖެހޭ ކަމަށެވެ. އަދި މިކަމުގަައި ޖޭޕީގެ ރައުޔެއް ބައްލަވާން ބޭނުންފުޅުވާ ކަމަށާއި، އެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ކުރީގެ އަދި މިހާރުގެ ވަޒީރުންނާއި، މެންބަރުންގެ ރައުޔު ވެސް ބައްލަވާން ބޭނުންފުޅުކަމަށް އާޒިމާ ވިދާޅުވިއެވެ.
”ލަދުވެތި. ހިއެއްނުވޭ ދުނިޔޭގަ މިވަރުގެކަމެއް ފެނިދާނެހެނެއް.“ އާޒިމާ ވިދާޅުވިއެވެ.
އެމްޑީޕީގެ މެންބަރު ޢީސާގެ މައްޗަށް ގެވެށި އަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުހުމަތުތަކެއް ކުރެވިފައިވާތީ އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެކަން ކުށްވެރިކޮށްފައެވެ. އަދި އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާއީ ތަހްޤީޤެއް ވީހާވެސް އަވަހަށް ހިންގަވައިދެއްވުމަށް އެދި ކަމާބެހޭ މުއައްސަސާތަކަށް ގޮވައިލައިފައެވެ.
”އަޙްމަދު ޢީސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި މި ޕާޓީން މިއަދު ވަނީ، މި ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމިގޮތަަށް، އެ މައްސަލައިގެ ޖިނާއީ ތަހްޤީޤު ނިމެންދެން މި ޕާޓީގެ ޤައުމީ މަޖިލީހުންނާއި، ޕާޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް ނިންމައިފައި. އަދި ރައްޔިތުންގެ މަޖިލީހުގައި އަޙްމަދު ޢީސާ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުޤައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމްޑީޕީ ޕާރލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައިވޭ.“ އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވެއެވެ.
މެންބަރު ޢީސާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލަމުން އަންނައިރު، އޭނާ ވިދާޅުވެފައިވަނީ ޤާނޫނާއި ޚިލާފު އެއްވެސް ޢަމަލެއް ނުކުރައްވާ ކަމަށެވެ. ހަމައެހެންމެ އޭނާ މިއަދު ވަނީ އިޖުތިމާޢީ ކޮމިޓީގެ މުޤައްރިރުކަމުން ވެސް އިސްތިއުފާ ދެއްވައިފައެވެ.
ޤާނޫނާއި ޚިލާފު އެއްވެސް ޢަމަލެއް ނުކުރައްވާ ކަމަށް ޢީސަ ވިދާޅުވާއިރު، އަސްރާ މިއަދު ބުނުއްވިގޮތުގައި ފާއިތުވި ސައުވިސް ގަޑިއިރަކީ އޭނާއާއި އޭނާގެ ތުއްތު ދަރިފުޅު ލޫޠަށް އުނދަގޫ އިޙްސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެކެވެ. ކުރިމަތިވާނެ ކަމަށް ދުވަހަކު ވެސް ހީކޮށްފައިނުވާ ކަންތައްތަކެއް ތަޖުރިބާކުރަން ވެސް ޖެހުނު ކަމަށެވެ.
Mi dhaitha minukuthee anehkkaaves Raees Yamin athun rangalhu eccheh libidhaaneyey heekoh Yamin ah eynaa ah vafaatherin mihaaru engeyne.