ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ އިއްޒައްތެރި މެންބަރު އަހްމަދު އީސާގެ މައްޗަށް ޖިނާއި ތަހުގީގުކޮށް ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން، އެކަހެރިކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީއިން މިކަމާއި ގުޅިގެން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މެމްބަރު އީސަގެ މައްޗަށް ގެވެށިއަނިޔާގެ ކުށްތަކެއްގެ ސީރިއެސް ތުހުމަތުތަކެއް ކުރެވިފައިވާތީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެ އަމަލާ މެދު ކަންބޮޑުވެ، އެކަން ހަރުއަޑުން ކުށްވެރިކުރާހިނދު، އެ މައްސަލައިގައި އިންސާފުވެރި ފުރިހަމަ ޖިނާޢީ ތަހުގީގެއް އަވަހަށް ހިންގަވައިދެއްވުމަށް ކަމާއި ބެހޭ އިދާރާތަކަށް ގޮވާލާ ކަމަށެވެ.
އަދި އީސަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލާގައި އެ ޕާރޓީން މިއަދުވަނީ އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމިގޮތަށް، އެ މައްސަލައިގެ ޖިނާއީ ތަހުގީގު ނިމެންދެން، އެ ޕާރޓީގެ ގައުމީ މަޖިލީހުންނާއި، ޕާރޓީގެ އެތެރޭގެ ކޮމެޓީތަކުން އޭނާ އެކަހެރިކުރުމަށް ނިންމާފައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި އީސަ ތަމްސީލުކުރައްވާ ކޮމެޓީތަކުގެ މުގައްރިރުކަމުން އޭނާ އެކަހެރިކުރުމަށް އެމް.ޑީ.ޕީ. ޕާރލަމެންޓްރީ ގްރޫޕުގައި އިލްތިމާސްކުރުމަށް ވެސް ނިންމާފައި ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އީސަގެ މައްޗަށް ވަގުތުން އެޅެންހުރި ފިޔަވަޅުތަކާ މެދުގައާއި އަދި ޖިނާއީ ތަހުގީގު ހިނގާގޮތް ގާތުން ބެލުމުގެ މަސައްކަތް އެމް.ޑީ.ޕީ. ގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން މިހާރު ވެސް ފަށާފައިވާކަމަށް އެޕާޓީއިން ވަނީ ބުނެފައެވެ.
އީސަގެ މައްޗަށް އުފުލާފައިވާ ތުހުމަތު ތަކާއި ގުޅިގެން އެކަމަށް އިންކާރު ކުރައްވާ އީސަ މިއަދު ނެރުނު ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީއާއި ހިލާފަށް އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.