މީހަކު ބުނެލާ ބުނެލުމަކަށް މީހަކު ހައްޔަރު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ، ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަގެ ދިފާއުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތެދުވެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕަށް ގާސިމް ފޮނުވި މެސެޖެއްގައި އީސާގެ ފޯނުގެ ޕްރޮފައިލްގައި އީސަ އޭނާގެ ދަރުފުޅު އުރައިގެން އިން ފޮޓޯއެއް ހިއްސާ ކުރައްވައި ވިދާޅުވީ، އެފަދަ ލޯބިވާ ކުއްޖަކާ މެދު އެފަދަ އަމަލެއް ހިންގަފާނެ ކަމަށް ގަބޫލުކުރަން ވަރަށް ދަތި ކަމަށާއި،އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމަށެވެ. އަދި މިކަމުގައި ފިރިހެނުންވެސް ހިމެނޭ ކަމަށާއި، އެހެން ކަމުން މި މައްސަލަ ތަހުގީގު ކުރަން ވާނީ ވަރަށް އިންސާފުން ކަމަށް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ، ގެވެށި އަނިޔާގެ ގާނޫނަކީ، ހައްދެއް ނެތް މިންވަރަށް އަންހުންނަށް ފައިދާވެ، އެމީހުން ހިމާޔަތްވާ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ.
ގާސިމްގެ މެސެޖުގައި އިތުރަށް ބުނެފައިވަނީ، މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށާއި، އެއީ އިންސާފުން ބޭރުން އެއްފަރާތަކަށް ދެވޭ ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި މި ތަހުގީގު ކުރެވެން ވާނީ ހަމަ އެކަކު ވެސް ބަންދުނުކޮށް ބަހައްޓައިގެން އަދުލުވެރިކަމާ އެކު ކަމަށްވަނީ ވިދާޅުވެފައެވެ.
ލިބިފައިވާ މައުލޫމާތު ތަކަށް ބަލާއިރު، އީސަ ވަނީ މަސްތުގެ ހާލުގައި ހުންނަވައިގެން އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ ކޮއްކޯ ފުޅު އަސްރާ ނަސީމް (އަސޫ) އާއި ދޮޅު އަހަރުގެ ދަރިފުޅަށް އެކިވަރުގެ އަނިޔާ ކޮށްފައެވެ. އެގޮތުން އަސޫ އަށް އީސަ ކުރި އަނިޔާތަކުގެ ސަބަބުން އެކަމަނާގެ އަތުގައި ވަނީ ރެނދު ލާފައެވެ.
މީގެ އިތުރުން ކުޑަ ދަރިފުޅު 9 ވަނަ ބުރީގެ ބެލްކަނިން ވައްޓާލުމަށްވެސް މަސައްކަތް ކޮށްފައި ވާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
Mifaharu Qasim ibrahim ge misràbu rangalheh noon.