ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މުގައްރިރު ކަން ކުރައްވާ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއިން އިސްތިއުފާ ދޭން އެއްބަސް ވެއްޖެއެވެ.
އޭނާ މުގައްރިރު ކަމުން އިސްތިއުފާ ދޭން އެއްބަސްވެފައި ވާކަމަށް ބުނެފައިވަނީ، އެކޮމިޓީގައި އިންނަވާ ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހްމަދު (އިއްސެ) މިއަދު ކުރެއްވި ޓުއީޓެއްގައެވެ.
އިއްސެ މިއަދު ކުރެއްވި ޓުއީޓުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސައަށް ކުރެވުނު ގެވެށި އަނިޔާގެ ތުހުމަތާއިއެކު ކޮމިޓީގެ މުގައްރިރުކަމުން އިސްތިއުފާދޭން އެއްބަސްވެފައި ވާކަމަށެވެ.
އީސަ އިސްތިއުފާ ދޭން އެއްބަސްވެފައި މިވަނީ، އީސަ މުގައްރިރު ކަމުން ވަކި ކުރަން އެ ކޮމިޓީގައި ތިއްބެވި 3 މެމްބަރަކު ހުށައަޅާފައި ވަނިކޮށެވެ. އަދި މީގެ ގަޑި އިރެއް ކުރިން އީސަ މަގާމުން ވަކިކުރަން ބޭއްވި ކޮމިޓީ ބައްދަލުވުން، ކޯރަމް ހަމަ ނުވުމުގެ ސަބަބުން ވަނީ ވޯޓަށް ނާހާ ނިންމާލާފައެވެ.
އީސަގެ އަނިޔާތަކާއި ގުޅިގެން ގެވެށި އަނިޔާގެ މައްސަލަތައް ބަލާ ފުލުހުންގެ ޑިޕާޓްމަންޓަށް ހާޒިރުވެ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ އިއްޔެގެ ވަގުތެއްގައި ބަޔާނެއް ވަނީ ދެއްވާފަ އެވެ.