ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ރޭ ހައްޔަރު ކުރި މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ޖަހާދީފިއެވެ.
ބ އަތޮޅު ދަރަވަންދޫގައި ރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރު ކޮށްފައިވަނީ، އުމުރުން 23 އަހަރުގެ އަހުމަދު ފާތިހު އެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ދެންމެ އަކު ބުނެފައިވަނީ، މާލެ، ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރޭ ބ. ދަރަވަންދޫން ހައްޔަރުކުރި، ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހް (23އ) ގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައި ވާކަމަށެވެ.
މި މައްސަލައިގައި މީގެ ކުރިން ވަނީ ތިން މީހަކު ހައްޔަރު ކޮށްފައެވެ. އެއީ ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދުހަމް، 25، އާއި މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ސައިކަލުގެ ވެރި މީހާ ތަހުމީން އަހްމަދު، 32 އެވެ.
ޓެރަރިޒމް ހަމަލާއެއް މާލޭގައި ދީފައިވާއިރު އެކަމާ ގުޅިގެން ހާއްސަ އޮޕަރޭށަންތަކެއް ކުރިއަށް ދާ ކަމަށާއި މިހާރު ވެސް އެފަދަ އޮޕަރޭޝަންއެއް ކުރިއަށް ދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހަފްތާ ތެރޭގައި އައްޑޫގައި ހިންގި އޮޕަރޭޝަން އަކުން ވެސް 9 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.