ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާ އަށް އޭޑީކޭގައި ފަރުވާ ދެއްވަމުން ދިޔައިރު، ހޮސްޕިޓަލުގެ ފާހާނާ ތެރެއިން ފިސްތޯލެއް ފެނުނު މައްސަލަ ފެންމަތި ވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފިސްތޯލަކީ، ރައީސް ނަޝީދުގެ ބޮޑީ ގާޑެއް ފާހާނާއަށް ވަން ވަގުތު އެތަނުގައި ބޭއްވުނު ފިސްތޯލެކެވެ. އޭޑީކޭގެ މުވައްޒަފަކަށް ފާހާނާ ތެރެއިން ފިސްތޯލު ފެނުމާއި ގުޅިގެން ފުލުހުންނަށް އެކަން ވަނީ އަންގާފައެވެ. އެ ފިސްތޯލު ފުލުހުން ވަނީ ފަހުން އެމްއެންޑީއެފް އާއި ހަވާލު ކޮށްފައެވެ.
މިކަމާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ފުލުހުންނާއި އެ ސުވާލު ކުރެއްވުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށްވަނީ ބުނެފައެވެ.
ރައީސް ނަޝީދުއަށް އޭޑީކޭގައި ފަރިވާ ދެމުން ދިޔައިރު، ސިފައިން ދިޔައީ، އެތަނުގައި ހަތިޔާރާއި އެކު ސެކިއުރިޓީ ބަލަހައްޓަމުންނެވެ. އަދި މިކަމާއި ގުޅިގެން ޗީފް އޮފް ސްޓާފް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލް ކުރިން ވިދާޅުވީ، ނަޝީދުގެ ސެކިއުރިޓީން ހަރަކާތްތެރިވާނީ ހަނގުރާމަވެރި ހަތިޔާރާއެކު ކަމަށެވެ.