ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މުގައްރިރުކަމުން ވަކިކުރުމަށް މަސައްކަތް ފަށާފައި ވާކަމަށް ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވީ މެމްބަރު އީސަގެ މައްޗަށް ކުރެވެނީ، ވަރަށް ސީރިއަސް ތުހުމަތު ތަކެއް ކަމަށާއި، އެކަމާއި ގުޅިގެން އީސަ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމުގެ މަސައްކަތް މިހާރު ފަށާފައި ވާކަމަށެވެ.
މީގެ އިތުރުން މަޖިލީހުގެ އަމީންއާއްމު ފާތިމަތު ނިއުޝާ ވިދާޅުވީ އީސަ މުގައްރިރު ކަމުން ވަކި ކުރުމަށް ކޮމިޓީގެ ތިންބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކު އެ ކަމުގެ ނޯޓިސް މަޖިލީހުގެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މެމްބަރު އީސަ ވަނީ، މަސްތުގެ ހާލުގައި ހުންނަވާ، އޭނާގެ ކުރީގެ އަނބިކަނބަލުން އަސޫ އަދި، ދަރިކަލުންނަށް އަނިޔާ ކޮށްފައެވެ. އަދި އަސޫ އަށް ކުރި އަނިޔާ ތަކުގެ ސަބަބުން އެކަމަނާގެ އަތުގައި ވަނީ ރެނދު ލާފައެވެ. އެމައްސަލައިގެ ބަޔާން ދެއްވުމަށް އަސޫ ވަނީ އިއްޔެ ހަވީރު ފުލުހަށްވެސް ވަޑައިގެންފައެވެ.