ސިފައިންނާއި ފުލުހުން ގުޅިގެން މިމަހުގެ 15 ވަނަ ދުވަހު އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި ބައެއް މީހުންނަކީ ހަތިޔާރާއި ގޮވާތަކެތި އުފައްދާ މީހުން ކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
އެއިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑްގެ ޗީފް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ އައްޑޫއިން ހައްޔަރު ކުރި މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަށާއި، އެމީހުންގެ ތެރެއިން ހަތިޔާރާއި ގޮވާ ތަކެތި އުފައްދާ ބައެއްވެސް ތިބި ކަމަށެވެ. އަދި ހަތިޔާރު އުފެއްދި މައްސަލައެއްގައި މިހާރު ވެސް ޝަރީއަތް ކުރިއަށްދާ ތިން މީހަކުވެސް އައްޑޫއިން ހައްޔަރު ކުރި ކަމަށްވަނީ ވިދާޅުވެފައެވެ.
ސަލާމަތީ ބާރުތަކުން އައްޑޫގައި ހިންގި އޮޕަރޭޝަންތަކެއްގައި 9 މީހަކު ހައްޔަރުކުރީ މިމަހުގެ 15 ވަނަދުވަހުގެ ރެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ، ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ އަމަލުތަކާއި ގުޅިގެން ހިންގަމުންދާ ހާއްސަ އޮޕަރޭޝަން ތަކުގައި މިހާތަނަށް 5 ގެއެއް ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި އެހެންނަމަވެސް އަތުލައިގެން ތަކެތީގެ ތެރޭގައި އެއްވެސް ހަތިޔާރެއް ނުހިމެނޭކަމަށެވެ.
މިމަހުގެ 06 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާ އާއި ގުޅިގެން ފުލުހުން ވަނީ ހަރުކަށި ފިކުރު ފަތުރާ މީހުން ހޯދުމަށް ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ.