ރޭ ފުލުހުންގެ އިދާރާއިން ބ އަތޮޅު ދަރަވަންދޫގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ހައްޔަރު ކުރީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅުން ހުރި މީހެއް ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ އިދާރާއިން ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރޭ ދަރަވަންދޫގައި ހިންގި އޮޕަރޭޝަނަކީ ރައީސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި، އޮޕަރޭޝަނުގައި ހައްޔަރު ކޮށްފައިވާ މީހާ އަކީ، ރައީސް ނަޝީދުއަށް ދިން ހަމަލާއާއި ގުޅުން ހުރި މީހެއް ކަމަށެވެ.
ރޭ ބ އަތޮޅު ދަރަވަންދޫ އިން ހައްޔަރުކޮށްފައިވަނީ ލ.ގަން / ދުންފިނި އުފާ، އުމުރުން 23 އަހަރުގެ އަހުމަދު ފާތިހު ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ހާމަ ކޮށްފައެވެ.
މީގެ ކުރިން ރައީސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ވަނީ 3 މީހަކު ހައްޔަރު ކޮށްފައެވެ.
ރައީސް ނަޝީދުއަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނު މިހާރު ގެންދަވަނީ، ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ.