ބ އަތޮޅު ދަރަވަންދޫ ގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުގައި ފުލުހުންގެ ކައުންޓަރ ޓެރަރިޒަމް ޔުނިޓްގެ ފަރާތުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާ އިން ވިދާޅުވީ އެރަށުގައި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދަމުން ދާކަމަށެވެ. އަދި މިހާތަނަށް ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވާކަމަށެވެ.
އެރަށުން މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ އެރަށުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި، ރަށުގައި ހުރި ގެއެއް ބަލާ ފާސް ކުރަމުން އަންނަ ކަމަށެވެ.
ފުލުހުން އަންނަނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހާއްސަ އޮޕަރޭޝަން ތަކެއް ކުރިއަށް ގެންދަމުންނެވެ.