ރޭގެ ވަގުތެއްގައި މާލެއިން ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި، އަލިމަނިކު ދިޔައީ ޓެރަރިސްޓު ހަމަލާއެއް ދިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިހެން ވިދާޅުވެފައި ވަނީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުންނެވެ. ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ.
މިއަދު އޭނާ ކޯޓަށް ހާޒިރު ކުރުމުން އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކަށް އޭނާ ވަނީ އިންކާރު ކޮށްފައެވެ. އެހެން ނަމަވެސް ކޯޓުން އޭނާ ބަންދު ކުރަން ހުކުމް ކުރީ ފުލުހުން ހުށައެޅި ހެކިތަކަށް ބެލުމަށްފަހުއެވެ.
ފުލުހުން ވަނީ އޭނާ ބަންދުގައި ބެހެއްޓުމަށް ގިނަ ސަބަބުތަކެއް ކޯޓަށް ހުށައަޅާފައެވެ.
އެގޮތުން އޭނާ އަކީ ދީނުގެ ނަމުގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުގެ ފަރާތްތަކުގެ ތެރެއިން އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ހިމެނޭ މީހެއް ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައި ވާކަމަށާއި، އޭނާ ހައްޔަރު ކުރީ މުޖްތަމައުއަށް ގެއްލުންވާފަދަ ނުރައްކާތެރި ޓެރަރިޒަމްގެ ހަމަލާއެއް ދިނުމަށް ރާވަމުން ދާ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބުމުން ކަމަށްވެސް ކޯޓުގައި ފުލުހުން ވަނީ ބުނެފައެވެ.
އަލި މަނިކަކީ 2007 ގައި ހިމަންދޫގައި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމުގައި އިސްކޮށް ހުރި މީހާއެވެ. އޭނާ ވަނީ އެމައްސަލައާއި ގުޅިގެން 10 އަހަރުގެ ޖަލު ހުކުމެއްވެސް ފުރިހަމަ ކޮށްފައެވެ.