ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އުފެއްދެވި، އިންޓެލިޖެންސް އޮޑިޓް ކޮމިޓީން ހާސިލްކުރަން ބޭނުންވާ ނަތީޖާއާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމެޓީ)ގެ މެންބަރުންނާއި ބައްދަލުކުރައްވައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފިއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން މިއަދު ވިދާޅުވީ، ރައީސް ސޯލިހު އުފައްދަވާފައިވާ އިންޓެލިޖެންސް އޮޑިޓް ކޮމިޓީއިން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ މިއަދު ބައްދަލުކުރައްވައި، އޮޑިޓް ކޮމިޓީގެ މެންޑޭޓާއި، މަސައްކަތްތަކާއި، އަދި ހާސިލްކުރަން ބޭނުންވާ ނަތީޖާއާގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައި ވާކަމަށެވެ.
ރައީސް އޮފީހުން ވިދާޅުވީ، ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ގޮތަށް، އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓާނީ ޖެނެރަލް ހިމެނޭ ގޮތަށް ހަތަރު މެންބަރުންގެ ކޮމިޓީއެއް މި މަހުގެ 11 ވަނަ ދުވަހު އުފައްދަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ބުނީ ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ނަޝީދުއަށް ދިން ހަމަލާތަކާއި ގުޅިގެން މިހާތަނަށް 3 މީހަކު ހައްޔަރު ކޮށްފައި ވާއިރު ރައީސް ނަޝީދު ގެންދަވަނީ، ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުންނެވެ.