މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދުއަށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ތަހުގީގާއި، ކޯޓު މަރުހަލާގެ ކަންތައްތައް ގާތުން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތުން ރާއްޖެއިން ބޭރުގެ ހާއްސަ މަންދޫބެއް ހަމަޖައްސައިފިއެވެ.
ރައިސް ސޯލިހުގެ މަންދޫބެއްގެ ގޮތުގައި ހަމަޖައްސަވާފައި ވަނީ އިނގިރޭސިވިލާތުގެ ރައްޔިތެއްކަމަށްވާ މިސްޓަރ އައްބާސް ފާއިޒް އެވެ. އަދި ދެބޭފުޅުން މިއަދު ވަނީ މިކަމާއި ގުޅިގެން ބައްދަލު ކުރައްވާ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.
މިސްޓަރ އައްބާސް ފާއިޒަކީ ވަރަށް ގިނަ ދުވަސްތަކެއްވަންދެން އެމްނެސްޓީ އިންޓަރނޭޝަނަލްގެ ދެކުނު އޭޝިޔާ ބައްރުގެ އިޖްތިމާއީ، ސަގާފީ އަދި ސިޔާސީ މައްސަލަތައް ދިރާސާކުރެއްވި ކަމާ ގުޅޭ ހާއްސަ މާހިރެއް ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ. ދެކުނު އޭޝިޔާ ބައްރުގެ ގައުމުތަކުގެ އިންސާނީ ހައްގުތައް ކަށަވަރުކުރުމުގެ މަސައްކަތުގައި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ހިދުމަތްކުރައްވައި، ކަމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއް ކަމަށާއި، އައްބާސް ފާއިޒަކީ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ފާއިތުވި ތިން އަހަރު ގާނޫނީ ލެކްޗަރަރއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބުގެ ހައިސިއްޔަތުން މޭ 6 ގެ ހަމަލާޔާގުޅޭ އެންމެހައި ތަހުގީގެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް ކަނޑައަޅުއްވާ ހުދޫދުގެ ތެރެއިން އައްބާސް ފާއިޒް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި، އިންސާފު ގާއިމުކުރެވެންދެން ބޭނުންވާ ހާލަތްތަކުގައި ކަމާގުޅޭ ލަފަޔާއި އިރުޝާދު ދެއްވައި، ތައްޔާރުކުރައްވަން ޖެހިވަޑައިގަންނަވާ އެންމެހާ ރިޕޯޓެއް ވެސް ތައްޔާރުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ގާތުން ބެލުމަށް ބޭރުގެ ހާއްސަ މަންދޫބެއް އައްޔަންކުރައްވާފައިވާއިރު، ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށްވެސް އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާގެ ފުލުހުންގެ އެހީ ދަނީ ހޯދަމުންނެވެ.
Rayyithuge faisaa haggunoon gothugai beynun kurumah mageh hulhuvaaleethaa dhw