އަނބިމީހާއަށް އެކި ފަހަރު މަތިން އެކި ކަހަލަ އަނިޔާތައް ކުރާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ ފުލުހަށް ހާޒިރު ކޮށްފިއެވެ.
”ދިޑެއިލީ“ އަށް އެކަމާއި ގުޅޭ މައުލޫމާތު އެނގޭ ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ބުނެފައިވަނީ، އީސަ އޭނާގެ އަންހެނުންނަށް އެކި ފަހަރު މަތިން އެކިވަރުގެ އަނިޔާ ކުރަމުންދާތާ ވަރަށް ދުވަސް ވެފައި ވާކަމަށާއި، އެކަމާއި ގުޅިގެން މައްސަލަ އާއިލާ ތެރޭ ހައްލު ކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން އެންމެ ފަހުން ފުލުހުންނަށް މައްސަލަ ހުށައަޅާފައި ވާކަމަށެވެ.
އެހެން ނަމަވެސް އީސަ ފުލުހަށް ހާޒިރު ކޮށްފައިވަނީ، ކޮން ދުވަހަކު ކަމެއް ނޭނގެއެވެ. ފުލުހަށް މައްސަލަ ހުށައެޅީ، ކުރަމުންދާ އަނިޔާތަކަށް ކެތް ނުކުރެވިގެން ކަމަށާއި، އެތައް ފަހަރެއްގެ މަތިން އެކަން ތަކުރާރުވަމުން ދިއުމާއި ގުޅިގެން ކަމަށް މައުލޫމާތި ދިން ފަރާތުން ވަނީ ބުނެފައެވެ.
މީގެ އިތުރުން މައުލޫމާތު ދިން ފަރާތުން ބުނީ، އީސަގެ ފަރާތުން އޭނާގެ އަނބިމީހާއަށް އެންމެ ފަހުން އަނިޔާ ކުރި ދުވަހު ފުލުހުންވެސް ސީނަށް ދިޔަ ކަމަށާއި، އެދުވަހު މެމްބަރު އީސަ އޭނާގެ އަންހެނުންނަށް އަނިޔާ ކުރި އިރު ދަރިފުޅުވެސް ކައިރީގައި ހުރި ކަމަށެވެ.
މިކަމާއި ގުޅިގެން މެމްބަރު އީސަ ވިދާޅުވީ، އެފަދަ މައްސަލައެއް ފުލުހަށް ހުށައެޅިފައި ވާކަން ނޭނގޭ ކަމަށާއި، އެހެން ކަމުން އެކަމާއި ގުޅިގެން އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާ ކަމަށެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ އިދާރާއަށް މައުލޫމާތު ސާފުކުރުމަށް ގުޅުމުން އެކަމާއި ގުޅިގެން އެދެވޭ ޖަވާބެއް ލިބިފައި ނުވެއެވެ.
މެމްބަރު އީސަ ކައިވެނި ބައްލަވައިގެން އުޅުއްވަނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްގެ ކޮއްކޮ އަކާއެވެ.
ހިތުން ވަރަށް މޮޅުމީހެއް.
އާއިލާގެ އެކި ބޭފުޅުން ކައިވެނި ބައްލަވައިގެން ވަކި ދިރިއުޅުމެއް ވޭތުކުރަމުންދާއިރު އޭގެތެރެއަށް ވަނުން އެއީ ތަހުޛީބީ ގޮތެއް ކަމަށް އަޅުގަނޑު ނުދެކެން. ނަމަވެސް ކޮންމެ ދުވަހަކު ގެއަށް އައިސް އިނދެގެން އުޅޭ މީހާގެ ފޯނު ޗެކުކޮށް ކޯލް ހިސްޓްރީ ބަލައި އަދި ދޮގު އިލްޒާމް އަޅުވައި، އާއިލީ ގެދެރިންނަށް ދިޔުން މަނާކޮށް ކޮޓަރީގައި ބަންދުކުރުމާއި، ދަރިންގެ ކުރިމަތީގައި ޒުވާބުކޮށް ހަޑިހުރުރު ބަސްތައް ބުނުމަށްވުރެ ކައިވެނި ރޫޅާލުމަކީ ދެފަރާތަށްވެސް މާ ރަނގަޅުވާނެ ކަމެއް ކަމަށް ފެނޭ.