ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާ ސްޕީޑާމެދު ލަދުވެތިވެ ވަޑައިގަންނަވާކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ(241 ކޮމިޓީ) އާއި، ޖުޑިޝަރީ ކޮމިޓީން ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވިކަމަށް ބެލެވޭ ބޭފުޅުން ލިސްޓެއް ޢާންމުކުރައްވައިފައެވެ. އެ ލިސްޓު ދިރާސާކުރެއްވުމަށްފަހު އެކުލަވައިލެއްވި ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވީ މިއަދުގެ ޖަލްސާގައެވެ.
މި ރިޕޯޓަށް ބަހުސްކުރައްވަމުން މީކާއީލް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން ދެ އަހަރު ވަންދެން މަސައްކަތްކުރުމަށްފަހު އެކުލަވައިލި ރިޕޯޓުގައި ހުރި ނަންތަކުގެ ބޮޑުބައި އަދިވެސް އޮތީ މަޢުލޫމާތު އެއްކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ވާންޖެހޭނީ އެވަރު ނޫންކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.
މީކާއީލް ވިދާޅުވީ ލިސްޓުގެ %60 މީހުންނަކީ މަޢުލޫމާތު އެއްކުރުމުގެ މަރުހަލާގައިވާ ބޭފުޅުންނޭ ބުނީމާ ލަދުވެތިވެ ވަޑައިގަންނަވާކަމަށެވެ. އަދި މި ގޮތަށް ކަންކަންވާނަމަ ރިޔާސީ ދައުރާއި، މަޖިލީހުގެ ދައުރު ނިމޭއިރު ވެސް، އެމްއެމްޕީއާރްސީ މައްސަލައަށް ހައްލެއް އަންނާނެކަމަށް ދެކެވަޑައިނުގަންނަވާކަމަށް މީކާއީލް ވިދާޅުވިއެވެ.
މި ރޮނގުން ދެއްކެވި ވާހަކައިގައި މީކާއީލް ވަނީ، އެސެޓް ރިކަވަރީ ކޮމިޝަނުގެ މަސައްކަތްތަކުގެ ސްޕީޑު އަވަސް ކުރަންޖެހޭކަން ފާހަގަކުރައްވައިފައެވެ.