ޕާކިން ފީ ގޮތުގައި ޓެކްސީ ތަކުން ނަގަމުންދާ 3000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މޭޔަރު މުއިއްޒު ވިދާޅުވީ، މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކު ކުރެވޭނެ ޖާގަ ނެތް ކަމަށާއި، މާލޭގެ މަގުތަކުގެ ފެންވަރު ދަށްވެ އެތައް ޓެކްސީ ޑްރައިވަރުންގެ ޝަކުވާތައް ލިބެމުން ދާކަމަށެވެ.
މޭޔަރު މުއިއްޒު ވިދާޅުވީ، މިހާރު މާލޭގެ ޓެކްސީ ތަކުގެ ޕާކިންގެ ގޮތުގައި ނަގަމުންދާ 3000 ރުފިޔާ އަކީ އެންމެ އިންސާފުވެރި އަގު ނޫން ކަމަށާއި، އެ އަގު މިއަދުން ފެށިގެން 750 ރުފިޔާއަށް ބަދަލު ކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި މިއީ އެތަށް ޓެކްސީ ޑްރައިވަރުންނާއި ކުރި މަޝްވަރާ ތަކަށްފަހު ނިންމި ނިންމުމެއް ކަމަށްވެސް މޭޔަރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ، މާލެ ސިޓީގައި އެކަށީގެންވާ ވަރަށް ޕާކިން ޒޯނުތައް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަމާއި ގުޅިގެން ކަމާއި ގުޅޭ އިދާރާތަކާއި އެކު މަޝްވަރާ ކުރައްވާނެ ކަމަށްވަނީ ވިދާޅުވެފައެވެ.