ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި 4 މެމްބަރުންގެ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފިއެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާއާއި ގުޅިގެން 8 މެއި 2021 ވަނަ ދުވަހު ބޭއްވުނު ގައުމީ ސަލަމާތާބެހޭ މަޖިލީހުގެ 7 ވަނަ ބައްދަލުމުގައި ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ އޮޑިޓެއް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައި ވާކަމަށެވެ.
އިންޓެލިޖެންސް އިދާރާތަކުގެ އޮޑިޓް ހެދުމަށްޓަކައި ރައީސް އޮފީހުގެ ބޭފުޅުންނާއި އެޓަރނީ ޖެނެރަލް ހިމެނޭ ގޮތަށް ރައީސުލްޖޫމްހޫރިއްޔާވަނީ 4 މެންބަރުންގެ ކޮމިޓީއެއް 11 މޭ 2021 ވަނަ ދުވަހު އުފައްދަވާފައި ކަމަށާއި، މި ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދަނީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ އޮފީހުގެ ބެލުމުގެ ދަށުން ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ބަޔާނުގައި ބުނެފައިވަނީ، ކޮމިޓީގެ މައިގަނޑު މަގްސަދަކީ، ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސާއި މައުލޫމާތު ރައްކާތެރިކަމާއެކު ހިއްސާކުރުމާއި ގާނޫނުގައިވާ ގޮތުގެ މަތިން ޓެރަރިޒަމާ ގުޅުންހުރި އިންޓެލިޖެންސް އިދާރާތަކުން އަމަލުކޮށްފައިވާ ގޮތް ބެލުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމާއި، އިދާރާތަކުގެ މެދުގައި އިންޓެލިޖެންސް ހިއްސާކުރުމުގައި ވިލަރެސްކުރެވިފައިވާ މިންވަރު ދެނެގަތުމަށް ކަމަށާއި މީގެ އިތުރުން، ޓެރަރިޒަމްގެ އަމަލުތައް ހިމެނޭ މައްސަލަތަކުގައި އިންޓެލިޖެންސާއި މައުލޫމާތު ހިއްސާކުރެވިފައިވާ މިންވަރު ބެލުމާއި، އިންޓެލިޖެންސް އިދާރާތަކަށް ބޭނުންވާ ވަސީލަތްތައް ހުރި މިންވަރާއި، ތަންފީޒުކުރުމުގައި ގޮންޖެހުންތަކާއި، އަދި މި ނިޒާމުގައި އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުން ހިމެނެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކޮމިޓީގެ މަސައްކަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމައި، މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި ކޮމިޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށްވަނީ ހަމަޖެހިފައި ކަމަށާއި، ކޮމީޓީއަށް ބޭނުންވާ މައޫލޫމާތާއި އެހީތެރިކަން ކަމާބެހޭ އިދާރާތަކުން މިހާރުވެސް ގެންދަނީ ފޯރުކޮށްދެއްވަމުން ކަމަށްވަނީ ބުނެފައެވެ.