މިއަދުން ފެށިގެން މާލޭ ދަފްތަރުގައި ރަޖިސްޓްރީ ވުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައި ވާކަމަށް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން ނޫސްވެރިނާއި ބައްދަލު ކުރައްވާ މިރޭ ދެއްކެވި ވާހަކަފުޅުގައި މޭޔަރު ވިދާޅުވީ، މާލޭ ދަފްތަރުގައި ތިބި ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާ ވަހިކަމެއް އަދިވެސް ލިބިފައި ނުވާ ކަމަށެވެ. އެހެން ކަމުން މިހާރު ދަފްތަރުގައި ތިއްބެވި ރައްޔިތުނަށް އެކަށީގެންވާ ބޯހިޔާ ވަހިކަމެއް ލިބި، ނުވަތަ އެކަމަށް މަގުފަހު ކުރަން ޖެހޭނެ ކަމަށެވެ. އެހެން ކަމުން މިކަންކަން ހައްލު ކުރުމަށް ޓަކައި، މިއަދުން ފެށިގެން ދަފްތަރުގައި އިތުރަށް ރައްޔިތުން ޖެހުން ވަގުތީ ގޮތުން ހުއްޓާލަން ނިންމާލާފައި ވާކަމަށެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ، ދަފްތަރުގައި މިހާރު ޖެހުމަށް އޮންނަ އުސޫލުވެސް އަލުން މުރާޖާ ކުރަން ޖެހޭ ކަމަށާއި، މިކަންކަން ކުރުމަށް މިއަދުން ފެށިގެން މަސައްކަތް ކުރަން ފަށާފައި ވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މޭޔަރު ވަނީ، ވިލިމާލޭ ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާ ވަހިކަމެއް ހޯދައި ދިނުމަށްޓަކައި، ވިލިމާލޭގައި 10 ބުރިއަށް އިމާރާތައް ކުރުމުގެ ހުއްދަ ދިނުމަށް ހަމަޖެހިފައި ވާކަމަށެވެ.
އެހެން ކަމުން އެކަމާއި ގުޅުން ހުރި އިދާރާތަކަށް އެކަން ހުށައަޅާ އެކަންވެސް ކުރަން ފަށާފައި ވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.