އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި ނަން އޮތުމަކުން އަދި ކުށްވެރިއަކަށް ނުވާ ކަމަށާއި، އެމައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލާފިނަމަ ވަގުތުން މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އެތައް ބައެއްގެ ނަން ހިމެނޭ ލިސްޓު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ހުށައެޅުމުން މަޖިލީހުގެ 241 ކޮމިޓީއިން ވަނީ އެ ލިސްޓު ދިރާސާ ކުރުމަށްފަހު އުނި އިތުރެއް ނުގެނެސް އެ ލިސްޓު އާއްމު ކޮށްފައެވެ. އެ ލިސްޓުގައި ކުރީ ސަރުކާރުގެ ފަރާތްތަކާއި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ ގިނަ ފަރާތްތަކެއްގެ ނަންވަނީ ހިމެނިފައެވެ.
މިކަމާއި ގުޅިގެން އެއްޗެއް ވިދާޅުނުވެ ގިނަދުވަސްތަކެއް މަޑު ކުރުމަށްފަހު، މަހުލޫފް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ލިސްޓުގައި ނަން އޮތުމަކީ، އެމީހަކު ހިޔާނާތުގައި ބައިވެރިވި ކަމަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެ ލިސްޓަކީ ސީޔާސީ ބަޔަކު އެކުލަވާލި، އަދި އެ މައްސަލައާ ސީދާ ގުޅުންނެތް އެތައް ބައެއްގެ ވެސް ހައްގުތައް ގެއްލިގެން ދިޔަ ލިސްޓެއް ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެ ޕޯސްޓުގައި މަހުލޫފު ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ދައުވާ އުފުލާފިނަމަ މިނިސްޓަރު ކަމުގެ މަގާމުގައި އެންމެ ވަގުތެއްވެސް ނުހުންނާނެ ކަމަށާއި، ހިޔާނާތުގައި އެއްވެސް ވަރަކަށް ބައިވެރި ވެފައި ނުވާނެ ކަމުގެ ޔަގީން ކަން އަރުވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މީގެކުރިން އޭސީސީއިން ހާމަކުރި ހިޔާނާތުގެ ލިސްޓްގައި މިނިސްޓަރ މަހްލޫފްގެ ނަން އޮތުމުން ގޭގައި މަޑުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކުރިން އަންގާފައެވެ. އެހެން ނަމަވެސް އެ އެ މައްސަލަ އޭސީސީއިން ބެލުމަށްފަހު މަހުލޫފްގެ މައްސަލައެއް ނެތް ކަމަށް ބުނުމުން އަލުން ވަނީ މަސައްކަތަށް ނިކުތުމަށް އަންގާފައެވެ.
އެކަމާއި ގުޅިގެން މަހުލޫފް ކުރިން ވިދާޅުވީ، އެއްވެސް އިރެއްގައި ހިޔާނާތުގެ ފައިސާގައި ޖެހިފައި ނުވާނެ ކަމަށާއި، އެއީ އޭނާ ޑޮލަރު ގަނެގެން ލިބުނު ފައިސާ ކަމުގައި ވިދާޅުވެއެވެ.