ކުރިން ލަފާކޮށްފައިވާ 30،000 މީހުން އޮސްޓްރޭލިއާއިން ކޯވިޑް-19ގައި މަރުވެފައި ނުވަނީ، އެ ޤައުމުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުން ކަމަށް ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވިދާޅުވެއްޖެއެވެ.
ކުއީންސްލޭންޑްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މޮރިސަން އިތުރަށް ވިދާޅުވެފައިވަނީ، ދުނިޔެއިން މިހާރު ފެންނަމުން ދާ އައު ސްޓްރެއިން ތަކަކީ ބޮޑު ބިރެއް ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރެއްވެވި ގޮތުގައި، ދުނިޔޭގެ ގިނަ ކަންކޮޅުތަކުގައި ދެމުން ގެންދާ ހުރިހާ ވެކްސިން ތަކަކީ، މި އައު ވޭރިއަންޓްތަކަށް ގުޑާނެ ފަދަ ވެކްސިން ތަކަކަށް ނުވެދާނެ ކަމަށެވެ. ނަމަވެސް، އޭނާގެ ސަރުކާރުން، އެ ޤައުމަށް ގެނައުމަށް މަސައްކަތްކޮށްފައިވާނީ ދުނިޔޭގައި ލިބެން ހުރި އެންމެ ރަނގަޅު ސިއްހީ ފަރުވާދޭ އެއްޗެހި ކަމަށެވެ.
”ބަލިމަޑުކަން މި ދަނީ އިތުރަށް ފެތުރެމުން. ބަލި މިދަނީ އިތުރަށް ބަދަލުވަމުން. މި ޤައުމުން ކުރިން ޤަބޫލުކުރެވިފައި އޮތް 30،000 މީހުން މަރު ނުވެ ސަލާމަތް ކުރެވުނީ އެޅި ހަރުކަށި ފިޔަވަޅުތަކުން.“
އޮސްޓްރޭލިއާއިން މިހާތަނަށް މި ބައްޔަށް 29،998 މީހުން ޕޮޒިޓިވްވެފައިވާ އިރު، މި ބަލީގައި މަރުވެފައިވަނީ 910 މީހުންނެވެ.
އޮސްޓްރޭލިއާގެ ބޯޑަރުތައް ވަނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި ބަންދުކޮށްފައެވެ. އެ ޤައުމަށް މިހާރު އެތެރެވެނީ އެ ޤައުމުގެ ރައްޔިތުންގެ އިތުރުން ޕާރމިޓް ހޯލްޑަރުންނަށް އެކަންޏެވެ.