ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް ހަވަނަ އިސްލާހު ގެނައުމުގެ ބިލު މިއަދު ތަސްދީގުކުރައްވައިފިއެވެ.
ދިވެހި ސިވިލް ސަރވިސްގެ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ދިވެހި ސިވިލް ސަރވިސްގެ ވަޒީފާތަކަށް ފުރުސަތު ލިބޭ ގޮތަށް ނިޒާމެއް ގާއިމުވެފައި އޮތުމަށް ބަޔާންކޮށްފައިވެއެވެ. ހަމަ އެއާއެކު، ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ވަޒީފާ ދޭންވާނީ އެމީހެއްގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ހުނަރާއި، ގާބިލުކަމާއި، ތަޖުރިބާއަށް ބެލުމަށްފަހުގައި ކަމަށްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، ސިވިލް ސަރވިސް ކޮމިޝަނަށް މެންބަރުން އައްޔަންކުރުމުގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އިސްކަންދިނުމަށް ބާރުއަޅައި އެކަންވެސް ވަނީ މި ގާނޫނުގައި ބަޔާންކޮށްފައެވެ.
މި ބިލަކީ، މި ހުސްވި އެޕްރީލް މަހުގެ 29 ވި ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ 37 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.