ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ބިލު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނަކީ ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުމާއި ކަމާގުޅޭ އެންމެހައި ކަންކަން ބަޔާންކުރުމުގެ ގާނޫނެވެ. މި ގާނޫނުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ގައުމީ ޕޭމަންޓް ސިސްޓަމްގެ ހަމަޖެހުން ދެމެހެއްޓުމާއި، ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ގގައުމީ ޕޭމަންޓް ސިސްޓަމް ކުރިއަރުވައި، ރެގިއުލޭޓްކޮށް އޯވަރސީކުރުން ހިމެނެއެވެ.
މީގެ އިތުރުން ޕޭމަންޓް ސިސްޓަމްތައް، ކްލިއަރިންގ ސިސްޓަމްތައް އަދި ސެޓްލްމަންޓް ސިސްޓަމްތަކުގެ އަދި ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ އިންޓަރއޮޕެރަބިލިޓީ ގާއިމުކުރުމާއެކު ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މެދުގައި ވާދަވެރި ނިޒާމެއް ގާއިމުކުރުމަކީވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
މިގާނޫނުގައި ފައުމީ ޕޭމަންޓް ސިސްޓަމް ރައްކާތެރި އަދި އެކަށީގެންވާ ގޮތެއްގައި ހިނގާތޯ ބެލުމަށްޓަކައި، ގައުމީ ޕޭމަންޓް ސިސްޓަމްގެ ކަންކަން ރެގިއުލޭޓްކޮށް އޯވަރސީކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި މި ގާނޫނު ހިންގައި ތަންފީޒުކުރުމަށް އަދި މަސްއޫލިއްޔަތު އަދާކުރުމަށް، ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމުގެ ބާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ލިބިގެންވާކަމަށްވެސް މި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރެއްވުމާއި ގުޅިގެން ދިވެހިރާއްޖޭގެ ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ވަނީ ޝާއިއު ކުރައްވާފައެވެ.