ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ލިބުމާއި އެކު، މަޖިލީހުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހީމް އާޒިމް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ނުރައްކާ އޮތް ކަމުގެ މައުލޫމާތު ލިބުމާއި އެކު މަޖިލީހާއި، މަޖިލީހުގެ އިދާރާ ވަށައިގެން ވާ ސަރަހައްދުގެ ސެކިއުރިޓ މިހާރު މަތިކޮށް ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވާނެ ކަމަށެވެ. އަދި ބަލަންޖެހޭ އިތުރު ކަންކަން ބަލަމުން ގެންދާ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
މަޖިލީހުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައި މިވަނީ، އިއްޔެ މަޖިލީހުގެ ޖަލްސާ ކުރިއަށް ދަނިކޮށް މަޖިލީސް ގޮއްވާލަން ވީ ކަމަށް އާއްމު ފަރާތަކުން މީސްމީޑިއާގައި ހިއްސާ ކުރި ކޮމެންޓަކާއި ގުޅިގެންނެވެ.
އަދި އެކަން މަޖިލީހުގެ އިދާރާއިން ފުލުހުންނާއި ސިފައިންނަށް އަންގާފައި ވާކަމަށް މަޖިލީހުގެ ނައިބު ރައިސް އީވާ ވަނީ، މިއަދުގެ ޖަލްސާގައި ވިދާޅުވެފައެވެ.
މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް މާލޭގައި ގޮއްވާލި ބޮމާއި އެކު، ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސިފައިން ދަނީ ހަތިޔާރާއި އެކު ފޯރިމަރަމުންނެވެ. އަދި އެމްއެންޑީއެފްގެ ސެކިއުރިޓީ ލެވަލްވެސް ވަނީ އުފުލާފައެވެ.