ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއަށް ފަންޑުކުރި މީހާ ކޮބައިތޯ ވިދާޅުވެ، އެ މަނިކުފާނު ސުވާލު އުފައްދަވައިފިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދީފައިވަނީ މި މަހުގެ 06 ވަނަ ދުވަހުގެރޭ ބާރުގަދަ އެއްޗެއް ގޮއްވައިލައިގެންނެވެ. އެ ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން އެ މަނިކުފާނު މިހާރު ގެންދަވަނީ ޖަރުމަނުވިލާތުގައި ފަރުވާ ހޯއްދަވަމުންނެވެ.
މި ހަމަލާއާއި ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވިއިރު، މިހާތަނަށް ފުލުހުންނަށް ހައްޔަރުކުރެވުނީ ތިން މީހުންނެވެ. މި ހަމަލާދިން ފަހުން 10 ދުވަހަށްވުރެ ގިނަ ދުވަސްވީއިރު, ތަޙްޤީޤަށް މާ ބޮޑު ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. އެހެންކަމުން ގިނަ ބަޔަކު އަންނަނީ މިކަމާ ކަންބޮޑުުން ފާޅުކުރަމުންނެވެ.
ރައީސް ނަޝީދުގެ ނުރަސްމީ ޓްވިޓާރ އެކައުންޓު ”އެލެކްސް“ އިން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މި ހަމަލާއަށް ފަންޑުކުރި މީހުން ކޮބައިތޯ ސުވާލު ކުރައްވައިފައެވެ. އަދި ފަންޑުކުރި މީހުން ހޯދަން މަރުކަޒީ ބޭންކް، އެމްއެމްއޭ ނުވަތަ ފުުލުހުންނާއި، ސިފައިން ގާތު އެހުމަކީ ބުއްދިވެރި ގޮތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.