ނ. މާފަރު މީހެއްގެ ކޭޝް ކާޑު ވަގަށް ނަގައި ކެނދިކުޅުދޫ އޭ.ޓީ.އެމް އިން އެ ކާޑު ބޭނުންކޮށްގެން ނެގި 20000 ރުފިޔާގެ ތެރެއިން 18000 ރުފިޔާ ވެރިފަރާތާއި ހަވާލު ކޮށްފައި ވާކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިކަމާއި ގުޅިގެން ބުނެފައިވަނީ، ކާޑު ވަގަށް ނަގައިގެން އޭގެން ފައިސާ ބޭނުން ކުރާ ކަމުގެ މައްސަލަ މި މެއި މަހުގެ 10 ވަނަ ދުވަހު މާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ހަމަ އެދުވަހު 26 އަހަރުގެ މީހަކާއި 32 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1000 ރުފިޔާ ފެނިފައިވާ ކަމަށާއި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން އެ މީހުންވަނީ ދޫކޮށްލާފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ފުލުހުންގެ އިދާރާއިން ބުނީ، ވަގަށް ނަގާފައިވާ ފައިސާތައް ހޯދުމަށް މާފަރު ޕޮލިސް ސްޓޭޝަނާއި، މަނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، އޭގެ ތެރެއިން 17000 ރުފިޔާ ހޯދާފައިވަނީ މާފަރު ވަލުތެރޭގައި ވަޅުލާފައި ހުއްޓާ ކަމަށެވެ. ވަގަށް ނެގި 20000 ރުފިޔާގެ ތެރެއިން މިހާތަނަށް ހޯދިފައިވާ 18000 ރުފިޔާ މިހާރުވަނީ ވެރިފަރާތާ ހަވާލުކޮށްފައި ވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
އަދި އެ ފައިސާތައް ހޯދުމަށް މާފަރު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.