އައު ކައުންސިލަރުން ހުވައިކުރެއްވުމާއި ގުޅިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ(އެލްޖީއޭ) ގެ ބޯޑު އަލުން އެކުލަވައިލައްވައިފިއެވެ.
ރައީސް ޞާލިޙް، އެލްޖީއޭގެ ބޯޑު އަލުން އެކުލަވައިލައްވައިފަނީ އިއްޔެގައެވެ.
އެލްޖީއޭގެ ބޯޑަށް އިއްޔެ ޢައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް، އެލްޖީއޭއާއި ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސް ކަނޑައަޅުއްވާ މިނިސްޓަރުގެ ގޮތުން އެލްޖީއޭގެ ބޯޑުގެ ރައީސްކަމަށް ޢައްޔަންކުރެއްވީ ހޯމް މިނިސްޓަރު ޢިމްރާނެވެ.
ހަމައެހެންމެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ރައީސް ކަނޑައެޅުއްވީ ފާޠިމަތު އަފްޝަން ލަޠީފެވެ. އޭގެ އިތުރުން އެ ޤާނޫނުގެ 59 ވަނަ މާއްދާގައިވާ މާލީ ކަންކަމާގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައެޅުއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިނޭންސް އަޙްމަދު ޝަރީފެވެ.
އެލްޖީއޭގެ ބޯޑުގައި ދެން ހިމެނިވަޑައިގަންނަވަނީ އެލްޖީއޭގެ ނައިބު ރައީސް މުޙައްމަދު މާހިރު ޢީސައާއި، އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުޙައްމަދު ޝިހާބާއި، ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރާއި، ޕްލޭނިންގ މިނިސްޓްރީގެ ނައިބު ފާޠިމަތު ނިޢުމާއެވެ.