އަށްވަނަ ބައި
އަހަރެންގެ އިޙުސާސްތަކަށް، ޖަޒުބާތުތަކަށް އަދި އަހަރެންގެ އުޅުމަށް އައިސްގެން މިއުޅޭ ބަދަލަކާ މެދު ވިސްނާލަން އެހިސާބުން އަހަންނަށް މަޖުބޫރުވިއެވެ. ފުރަތަމަ ފަހަރަށެވެ.
ލޯތްބޭ މިކިޔާ އިހުސާސް އަހަރެންގެ ހިތުގައި ހިނގަންފެށީ ނޫންބާވައޭ ހިތަށް އެރިއެވެ. އަނެއްކާ އަޒާންދެކެ އަހަންނަށް ލޯބި ވެވެނީ ނޫންބާ ! މިހެން ހިތަށް އެރުމާއެކު އަމިއްލަ ނަފުސަށް ނޫނެކޭ ބުނެ ދެއަތަށް ބޯހޫރާލެވުނެވެ. އަދި އާޒިމްއާ އަޒާން އަޅާ ކިޔައިލެވުނެވެ. އާޒިމްއަށްޓަކައި ވެސް އަހަރެންގެ ހިތުގައި މިފަދަ އިހުސާސެއް ހިނގިއެވެ. އެހެންނަމަވެސް އެ އިހުސާސް ފަހުން ބަދަލުވީ ބަދަލު ހިފުމުގެ ޝުއޫރު ތަކަކަށެވެ!
އެ ޝޫއޫރުތަކަށްފަހު އާޒިމް މަތިން އަހަރެން ހަނދާން ނެތިއްޖެއެވެ. ހިތުގައި ކުރަހައިލެވުނު ފަނޑުފަނޑު ރޮނގު ފުހެވިގެން ހިނގައްޖެއެވެ. ވީއިރު އަޒާންގެ މަތިން ހަނދާން ނައްތާލަން ވެސް އަހަންނަށް ފަސޭހަވާނެބާވައެވެ.
އިންޑިއާގެ ޓްރިވެމްޑްރަމްގެ ވޭނެއްގައި އެ ހިނގި ކުޑަ ވަގުތުކޮޅެއްގެ ހާދިސާ އާއި ކިމްސް ހޮސްޕިޓަލުގައި އަހަރެން ބަލިވި ދުވަހު އަޒާންގެ ފަރާތުން އެ ލިބުނު އެހީތެރިކަމަށްފަހު އަޒާން ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ހިނގުން އަވަސްވެއެވެ. އެ ސޫރަ ފެންނަ ކޮންމެ ފަހަރަކު ހީނލެވެއެވެ. އިތުރަށް ދުށުމަށް ހިތް އެދެއެވެ. އަޒާންގެ ދެ ލޮލުން އަހަރެންގެ ލޮލަށް ފިނިކަންލިބެއެވެ. މި ހުރިހާ ކަމެއް ކުއްލިއަކަށް އަހަންނަށް އިހުސާސް މިވީ ކީއްވެހެއްޔެވެ! މިކަން ކުރިން އަހަންނަށް ނޭނގި ސިއްރުވެފައި އޮތީ ކީއްވެހެއްޔެވެ! އަޒާން އަތޫއާ ވާހަކަ ދައްކަން އިންތަން ފެނުމުން އަހަރެންގެ ހިތަށް ތަދުވެ އުނދަގޫވި ސަބަބު އަދިކިރިޔާ މިއެނގުނީއެވެ. އާއެކެވެ. އަހަންނަށް އަޒާން ދެކެ ލޯބި ވެވިއްޖެއެވެ. ދެން އޮތީ އަހަންނާ މެދު އަޒާން ވިސްނާ ގޮތެކެވެ. އެކަން ދެނެގަންނާނެ ގޮތެކެވެ.
އަޒާންއަށް އަހަރެން ކަމުދޭހެއްޔެވެ! އަހަރެން ރީތިހެއްޔެވެ! އަހަރެން ޚާއްސަހެއްޔެވެ! އަހަރެންގެ މީހަކަށް، ހަމައެކަނި އަހަރެންގެމީހަކަށް އަޒާން ވެދާނެހެއްޔެވެ! މި ހުރިހާ ސުވާލުތަކެއްގެ ޖަވާބު އަހަރެން ބޭނުމެވެ. އެކަމު ޖަވާބު ހޯދޭނެ އެއްވެސް ގޮތެއް ނެތެވެ. އަހާކަށް ނުކެރޭނެއެވެ. ހުންނަ ސިއްރުވެރި ގޮތަކުން ނުއެއް ބުނާނެއެވެ. އެ ހިތްގައިމު ފިރިހެންވަންތަ ސޫރަ އަހަރެން ހިތުންނެރެ އެއްލައިލެވޭނެހާ ބާރާ ހަކަތަ އަހަންނަށް ހޯދޭނެހެއްޔެވެ! އަހަރެންގެ ހިތަށް މި ގޮތަށް ތަދުކޮށްލި ފިރިހެނަކާ ދިމާ މިވީ އުމުރުން ވިހިއަހަރުންނެވެ. ބައެއް ކުދިން ލޯބީގައި ދީވާނާވެ މަޖުނޫނުންނަށް ވަނީ އުމުރުން މިއަށްވުރެ މާކުޑައިރުއެވެ. އެހާ ކުޑައިރު މި ބާރުގަދަ އިޙުސާސް އަހަރެންގެ ހިތުގައި ވެސް ހނގިނަމަ އަހަރެން ވެސް ވީހީ މަޖުނޫނަކަށް ކަންނޭނގެއެވެ. ކުރެވުނު ޚިޔާލުތަކަކުން ހިތަށް އަރާފޭބި އެތައް އެއްޗެއްގެ ސަބަބުން އަހަންނަށް ހީނލެވުނެވެ. މުޅި ދުނިޔެއަށް ވެސް ސިއްރުންނެވެ.
އަޒާން ފޮނުވި އެއްވެސް މެސެޖަކަށް އަހަރެން ޖަވާބެއް ނުލިޔަމެވެ. ބޭނުންވަނީ އަހަންނަށް އަޒާން އަކީ މާ މުހިންމު މީހެއް ނޫންކަން އަންގައި ދިނުމެވެ. އޭގެ ފަހުން ފާއިތުވެގެން މި ދިޔަ ދެދުވަހު އަހަންނެއް އަޒާން ނުވެސް ދެކެމެވެ. އަހަރެން ވެސް ބަލަނީ ކާން ވަންނަން ވެސް އަޒާން ގޭގައި ނޫޅޭހެން ހީވާ ވަގުތުތަކެވެ.
ޢާންމު ކޮށް ގޭމީހުންނާ ގޭގައި އުޅޭ ކުދިން ވެސް ކައިނިމިގެން ކޮޓަރިތަކަށް ވަންނަހާއިރުކޮށްފައި ކާން ކޮޓަރިން ނިކުތީމެވެ. ކާކޮޓަރިއާހަމައަށް ދެވުނުތަނާ ބަޔަކު ވާހަކަ ދައްކާ އަޑު އަހަންނަށް އިވިއްޖެއެވެ. އަހަރެންގެ ހިނގުމަށް ހުއްޓުމެއް ގެންނަން މަޖުބޫރުވީ އަތޫ ބުނެލި ޖުމުލަ އަޑުއިވުމުންނެވެ. އޭރު އަހަންނަށް ހުރެވުނީ ކާކޮޓަރީގެ ދޮރާ ދާދި ގާތަށް އާދެވިފައެވެ. އެހެންކަމުން އެމީހުން ދައްކަމުން ދިޔަ ވާހަކަ ވަރަށް ސާފުކޮށް އަހަންނަށް އިވުނެވެ.
”އަޒާން ޖެހޭނީ މިރޭ ގޮތެއް ނިންމަން! އަހަރެން ވިއްޔާ އަހަރެން! އެ ކުއްޖާ ވިއްޔާ އެ ކުއްޖާ!“
އަތޫގެ އެ ޖުމުލަ އަޑު އިވުމަށްފަހު ދެން ދިޔައީ ތަނުގެ ހަމަ ހިމޭންކަން ފިޔަވާ އިތުރު އެއްވެސް އަޑެއް ބަޑެއް ހިލަމެއް ނެތި ދިޔަ ވަގުތުކޮޅެކެވެ. އެއަށްފަހު އަނެއްކާ ވެސް އިވުނީ އަތޫގެ އަޑެވެ.
”އަޒާން ނިކަން ވިސްނާލަބަލަ! އަހަރެމެންގެ ކައިވެނި މިހާ ގާތްވެފައި އޮތްވާ އަޒާން ތިހެން އުޅެގަތުމުން އަހަރެންގެ މައިންބަފައިން ވެސް ބުނާނީ ކީކޭތަ! އެމީހުން ކިހާ ދެރައެއް ވާނެ؟ އަހަރެންގެ ހިތަށް ކިހާތަދެއް ވާނެތަ! އަޒާން ތީ އަހަންނާ ހެދި ކިހާވަރަކުން އުޅުނު މީހެއް؟ މިހާރު ކޮބާ އޭރު އެވީ ލޯބި! ބުނެބަލަ !“
އަތޫ ރޮނީއެވެ. ބައެއްފަހަރު ނޭފަތް ދަމާލާ އަޑުވެސް އިވެއެވެ. އިރުކޮޅަކަށްފަހު ދެން އިވުނީ އަޒާންގެ އަޑެވެ.
”އަހަރެމެންގެ ކައިވެނި ހަމަޖެހިފައި އެ އޮތް ތާރީޚުގައި ކުރެވޭނެ!……….. އަތޫ މާ ޝައްކު ބޮޑުވަނީހެން އަހަންނަށް ހީވަނީ! އަހަރެން އަތޫ ނޫން މީހެއްގެ ގާތު އަހަރެން ލޯބިވަމެކޭ ގައިމު ނުބުނަން! އޯކޭ ނު!……. ދެން ހީނލާ !“
”ނޫޅެން ހޭކަށް އިނގޭ!“
އަތޫ އެހެން ބުނީ ކުޑަކުއްޖަކު ވެސް ބުނެލާ ކަހަލަ ރާގެއްގައެވެ. އެހިސާބުން ދެން އިވުނީ އަތޫ ހީނގަތްއަޑެވެ.
އެ ބުނި ކުއްޖާ އަކީ ނަމުން ނުބުނި ކަމުގައިވިޔަސް އަހަރެންކަން އަހަރެންގެ ހަވަނަ ޙިއްސު ބުނެދިނެވެ. އަހަރެންގެ ހިތަށް ތަދުވީ އެ ބުނާ ކުއްޖަކީ އަހަރެން ކަމަށް ވުމަކުން ނޫނެވެ. އަހަރެންގެ ހިތަށް އެންމެ ތަދުވީ އަޒާންގެ ކައިވެނި ހަމަ ޖެހިފައި އޮތްކަން އެނގުމާއެކު އެދުވަސް އޮތީ ވަރަށް ކައިރީގައިހެން ހީވުމުންނެވެ. އޭރުން އަހަންނަށް އަޒާން އުމުރަށް ގެއްލުނީއެވެ. އަޒާން މީހެއްގެ ފިރިއަކަށް ވީއެވެ. އަހަރެން ހިލޭ ވީއެވެ. އަހަރެންގެ ކުޑަކުޑަ ދުނިޔެ ފުޑުފުޑުވެގެން އެއްފަހަރުން ފައިބާ ގަތް ކަމުގެ އިހުސާސް ކުރެވުނެވެ. އެނބުރި މަޑުމަޑުން ހިނގާފައި ކޮޓަރިއާ ހަމައަށް ދިޔައިރު އަހަންނެކޭ ހަނގުރާމައަކުން ބަލިވެފައިވާ އަޘީރެކޭ ތަފާތެއް ނެތެވެ. އެހެންނުވާނީ ކީއްވެހެއްޔެވެ. އަހަރެންގެ ލޯބީގެ ގަނޑުވަރު ބިނާކުރަމުން އުސްކުރަމުން އައިސް އައިސް ހުއްޓާ ކުއްލިއަކަށް ކުރިމައްޗަށް ނެގި ބިޔަ ރާޅަކުން އެ ގަނޑުވަރު ބިމާ ހަމަކޮށްލީ ވިއްޔާއެވެ. އެ ގަނޑުވަރުގެ ރަސްގެފާނު ފިޔަވަޅަކަށްފަހު ފިޔަވަޅެއް ގަނޑުވަރާ ކައިރިއަށް އަޅަމުން އަޅަމުން އަންނަނިކޮށެވެ.
ކޮޓަރިއަށް ވަދެ އެނދަށް ބަނޑުން ވެއްޓިގަތީމެވެ. ބޭއިޚުތިޔާރުގައި އަޑުން އަޑުނަގާ ރޯން ފެށިއްޖެއެވެ. ކޮޓަރީގައި ތިބި އެހެންކުދިން ކަންބޮޑުވެގެން އަހަރެން ގާތަށް ޖަމާވެއްޖެއެވެ. ވީ ކީއްތޯއާ ތަނަކަށް ތަދުވަނީތޯ ފަދަ އެކިކަހަލަ ސުވާލުތައް އެކި ކުދިން ކުރަމުން ދިއަޔަސް އެއްވެސް ކުއްޖެއްގެ ސުވާލަކަށް ޖަވާބު ދެވޭހާ ހިތްވަރެއް އަހަރެންގެ ނެތެވެ. ބުނަންޏާ ބުނެވެން އޮތީ އަހަރެންގެ ކުށެއްނެތް މައުސޫމު ހިތް ކަތިލެވިގެން ޒަޚަމް ވެގެން ދިޔަ ވާހަކައެވެ. އެ ވާހަކަ އަހަރެން ބުނާނީ ކިހިނެތްހެއްޔެވެ! އަހަރެންގެ ހުއްދައަކާނުލާ އަހަރެންގެ ހިތުގައި ރަސްކަން ކުރަމުން އައި ފަރާތަށް ފާޅުގައި އެންމެ ފަހަރަކު ވެސް ލޯބީގެ އިޝާރާތެއް ނުކުރެވެނުވެ. އަހަރެން ކަލާދެކެ ވަރަށް ލޯބިވަމޭ އެންމެ ފަހަރަކު ވެސް ބުނުމުގެ ފުރުސަތު ނުލިބި އަބަދަށްޓަކައި އެފުރުސަތުން އަހަރެން މަޙުރޫމުވީއެވެ.
އެތައް އިރަކު ރޮވުމުގެ ސަބަބުން އެންމެ ފަހުން ވަރުބަލިވެގެން އަހަންނަށް ނިދިއްޖެއެވެ. ހޭ ލެވުނީ ފަތިހު ހަތަރެއް ޖަހާލާ އެހާކަންހާ އިރުއެވެ. ތެދުވެ ކުޑަކޮށް ވިސްނާލުމަށްފަހު ދެން ކަންތައް ކުރަންވީ ގޮތް ސިކުނޑީގައި ރާވާލީމެވެ. އެ މަހުގެ ކުލި ސިޓީއުރައަކަށް ލުމަށްފަހު ކުރު ނޯޓެއް ލިޔެ ފަޒިއްތައަށް އެޑްރެސް ކޮށް، އެ ނޯޓާ އެކު އަޒިއްތަގެ ކޮޓަރީގެ ދޮރުމަތީ ހުރި ކުޑަމޭޒުމަތީ ބޭއްވީމެވެ. އަދި އެނބުރި އައިސް އަހަރެން ގެންގުޅޭ ހުރިހާ ސާމާނެއް ފޮއްޓަށްލާ ތައްޔާރު ކުރުމަށްފަހު އެނދުގެ ތަންމަތި ވެސް ރީތި ކޮށްލީމެވެ. އެހެން ކުދިން ނިދާ ހޭލުމުގެ ކުރިން މި ތަން ދޫކޮށް މިތަނުން ބޭރުވާން އަހަރެން ބޭނުމެވެ. އެހެންނޫނީ އަހަރެން ނިންމި ނިންމުމަށް އޮންނާނީ ޢަމަލީ ސިފަ ނައިސްއެވެ. އެ އެނދެއް ދެކެ އަހަރެން ނިހާޔަތަށް ލޯބިވި އެނދުގައި ފަހު ފަހަރަށް އިށީނީމެވެ. ދެން ކުޑަކޮށް ވިސްނާލުމަށްފަހު ތެދުވެ، ދޮރުފަތުގެ އެތެރޭގައި ހުރިހާ ކުދިންގެ ނަން ވަކިވަކިން ލިޔުމަށްފަހު ކޮށްމެ ކުއްޖަކަށް ވަކިން ޝުކުރުގެ ބަހެއް ވެސް ލިޔެލީމެވެ. އަދި ދެން އެންމެ ފަހުން އަހަރެން އެ ތަންމައްޗެއްގައި އެތައް އަހަރަކު ނިދި ތަންމައްޗަށް މޮޅިވެރި ބެލުމަކުން ބަލާލުމަށްފަހު ކޮޓަރިން ބޭރަށް ފުރަތަމަ ފިޔަވަޅު އެޅީމެވެ. ފޮށި ދަމަމުން ގޮސް ގޭގެ މައިދޮރުގެ ޑަބަލް ތަޅުދަނޑި ނަގާ ދޮރު ހުޅުވާލުމަށްފަހު ބޭރު ބަލައިލީމެވެ. ތެމޭ ވަރަށް ނޫނަސް ވާރޭ ކަނިޖަހައެވެ. އެހެންނަމަވެސް މަޑުކުރުރުމެއްނެތި އަބަދަށްޓަކައި އެގެއިން ނިކުމެ ކުރިއަށް ހިނގައިގެންފީމެވެ. އޭރު ފަތިސްނަމާދަށް ބަންގި ގޮވަން ކައިރިވަނީއެވެ.
ހަތަރު އަހަރު ފަސް
މިއަދު އަހަންނަކީ މޮންޓެސޫރީ ސްކޫލެއްގައި ކިޔަވައިދެމުންދާ ހީވާގި ޓީޗަރަކީމެވެ. ހުރިހާ ބެލެނިވެރިންގެ ލޯތްބާ އިޙުތިރާމް ލިބިގެންވާ ހީވާގި ޓީޗަރަކީމެވެ. ކުދިންނަށް އޯގާތެރި ކުދިންދެކެ ލޯބިވާކަމަށް ބެލެނިވެރިންގެތެރޭގައި މަޝްހޫރު ޓީޗަރަކީމެވެ. އެއީ ދިރާސީ އާއަހަރަކަށް ސްކޫލް ހުޅުވިގެން ބެލެނިވެރިންނާ ސްކޫލުން ބައްދަލު ކުރި ފުރަތަމަ ދުވަހެވެ. އަހަރެންގެ ކުލާހު ކުދިންގެ ބެލެނިވެރިންނާ ވަކިވަކިން ބައްދަލުކުރުމަށް ލިބުނު ފުރަސަތުގައި ވަކިވަކިން ބެލެނިވެރިންނާ ބައްދަލުކޮށް ކުދިންނާ ބެލެނިވެރިންނަށް އަހަރެން ތަޢާރަފުވަމުން ދިޔަ ވަގުތު އަހަންނާ ބައްދަލުކުރީ އަހަރެން ހީވެސް ނުކުރާ ބެލެނިވެރިއެކެވެ. ހީވެސް ނުކުރާ ގޮތަކަށެވެ. ހީވެސް ނުކުރާ ފަދަ ދަރިވަރަކާ އެކީގައެވެ. އެއީ ފަޒިއްތައެވެ. ލޯބި ލޯބި ކުޑަ ކުޑަ އަންހެންކުއްޖެއްގެ އިނގިލީގައި ހިފަހައްޓާލައިގެން ހުރެ ފަޒިއްތަ އަހަރެން ކުރިމައްޗަށް އެރުމުން ގަބޫލުކުރަން ވެސް އަހަންނަށް އުނދޫގޫވިއެވެ. ގައިމު ފަޒިއްތަގެ އެވަރުގެ ކުއްޖަކު ނުހުންނާނެއެވެ. އެ ލޯބި ލޯބި ކުއްޖާއާ ބެހޭގޮތުން ސުވާލު ކުރުމުގެ ކުރިން ފަޒިއްތަ އެންމެ ފުރަތަމަ އަހަރެންގައިގާ ބައްދާގަތީއެވެ. ވަރަށް ޖަޒުބާތީ ވަގުތު ކޮޅަކަށްފަހު ފަޒިއްތަ އަހަރެން އަތުގައި ހިފަހައްޓާލައިގެން ހުރެ ހާލު އަހުވާލު އެހިއެވެ. އެއީ މާލޭ މީހަކަށް ވިޔަސް ހިތް ހެޔޮ އަންހެނެކެވެ. އަހަރެން ވެސް އާމިރުބެއާ ފަޒިއްތަގެ ހާލާ ބެހޭ ގޮތުން ސުވާލު ކުރީމެވެ. ދެން އަހާ އޮޅުން ފިލުވަން ބޭނުންވި މީހުންގެ ވާހަކަ ދުލާ ހަމައަކަށް ނުގެންނަމެވެ. ކިތަންމެ އެނގެން ބޭނުންވިޔަސްއެވެ.
”އެނގޭތަ މިއީ ކާކުގެ ކުއްޖެއްކަމެއް!“
ފަޒިއްތަ މޮޅިވެރިއަޑަކުން އަހަރެން ގާތު އެހުމުން ނޭނގެޔޭ ކާކުގެހެއްޔޭ އެހީ ހީވާ ގޮތަކަށް ޔަގީން ނުކޮށް ނުބުނަންވެގެންނެވެ.
”މިއީ އަހަރެމެންގެ އަޒާންގެ ކުއްޖެކޭ! ފަރީ ނުވެސް ދެނަހުރިންތަ؟“
ފަޒިއްތަ ހިތުން ފަޒިއްތަ އަހަންނަށް އެ ދިނީ ވަރަށް އުފާވެރި ޚަބަރެކެވެ. އާއެނކެވެ! އެ ޚަބަރަކީ ކިތަންމެހާ ވެސް އުފާވެރި ޚަބަރެކެވެ. އެކަމަކު އަހަރެން ވީ އުފާހެއްޔެވެ!
ނުނިމޭ…
ވ.ވ.ރީތި
ވ.ވ.ރީތި.
Varah reethi vaahaka. Happy ending eh genesdhechey. Keep it up 🙂.looking forward to the best part of the story.
True
Vv reethi