ސައުދީ ސަރުކާރުގެ އެހީ އާއި އެކު މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް ވަގުތީ ގޮތުން ހުޅުވާ، މިސްކިތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖައްސަވައި ދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ވެރިކަން ބަދަލުވި އިރު ބޮޑު ބައެއް ނިމިފައި ހުރީ މިސްކިތް، މިސަރުކާރުން ހުޅުވުމަށް އެތައް ތާރީހު ތަކެއް ކަނޑައެޅި އެވެ. އަދި ނިމިދިޔަ ރަމަޟާން މަސް ފެށުމުގެ ކުރިން މިސްކިތް ހުޅުވާ، މީހުންނަށް އެ މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
އިއްޔެ ބޭއްވި ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގެ ފުރަތަމަ ރަސްމީ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު މުއިއްޒު ވިދާޅުވީ، ސަލްމާން މިސްކިތް ނުހުޅުވާ ގިނަ ދުވަސް ތަކެއް ފާއިތުވެގެން ދިއުމާއި ގުޅިގެން އެތައް ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި އެބަހުރި ކަމަށާއި، ރަސްމީކޮށް މިސްކިތް ނުހުޅުވާ ކަމުގައި ވަނީނަމަ، ވަގުތީ ގޮތުން ނަމަވެސް ސަލްމާން މިސްކިތް ހުޅުވާ ރައްޔިތުންނަށް އެ މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިސްކިތުގެ ފުރަތަމަ ދެ ފްލޯގައި 4000 މީހުންނަށް ނަމާދު ކުރެވޭނެއެވެ. ތިން ވަަނަ ފްލޯގައި ހަތަރު ކްލާސްރޫމާއި ފަސް ސެނިމާ ރޫމް ހުރެއެވެ. ހަތަރުވަނަ ފްލޯގައި ލައިބްރަރީއެއް އަދި 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމްއެއް ހުރި އިރު، ފަސްވަނަ ފްލޯގައި 300 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލެއް ހުރެއެވެ.
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ފެށިއިރު، ޑރ.މުހައްމަދު މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުކަމުގެ މަގާމުގައެވެ.