އައްޑޫ ސިޓީ ފޭދޫގައި ހުންނަ އެއިމްސް ކްލިނިކުން ދިން ބޭހެއް ބޭނުންކުރުމުގެ ސަބަބުން އަންހެނެއްގެ އެތެރެހަށީގެ ގުނަވަންތައް ފެއިލްވެގެން ނިޔާވެއްޖެއެވެ.
އެއިމްސް ކްލިނިކުން ދިން ބޭހެއް ބޭނުންކުރުމުގެ ސަބަބުން އިއްޔެ ނިޔާވެފައިވަނީ އައްޑޫ ސިޓީ މަރަދޫ، ސަނީ ސައިޑް، ޢުމުުރުން 59 އަހަރުގެ ޢާއިޝަތު ޢަޒީޒާއެވެ.
އޭނާ ނިޔާވީ އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
”02/5/2021 ގައި ބުރަކަށީގައި ރިއްސާތީ އަހަރެންގެ މަންމަ، ޢާއިޝަތު ޢަޒީޒާ ޚަލީލު، ސަނީ ސައިޑް; ސ.މަރަދޫ، އެއިމްސް ޑައިގްނޯސްޓިކް ކެއަރގައި މަސައްކަތްކުރާ ކަށީގެ ޑޮކްޓަރު، ޑރ.ރާމީ މުޙައްމަދު ޢަބްދުލްނޫރު އަޙްމަދަށް ދެއްކީމައި ދިން ބޭހުގެތެރޭގައި ހުރި “މެތޮޓްރެކްސޭޓް“ ނަމަކަށް ކިޔާ ބާރުގަދަ ބޭހެއް. ފަސް މިލިގްރާމްގެ 42 ގުޅަ ބޭސް(ދުވާލަކު ދެ ގުޅަ) ކާން ދިނުމުގެ ސަބަބުން ދެ ކިޑްނީ، ލިވަރ، އަދި ބްލެޑަރގެ %99 ހަލާކުވެ ފެއިލްވެގެން އިއްޔެ ހެނދުނު 7:48 ވީއިރު އައްޑޫ އީކުއޭޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ވަނީ މި ދުނިޔެ ދޫކޮށްފައި. މަންމަ މަރުވެގެން ދިޔައިރު 18 އަހަރު ނުފުރޭ ކުއްޖެއް ދުނިޔޭގައި އެބަހުރި. މިކަމުގައި އެ ޑޮކްޓަރަށް އެއިމްސްއިން ފިޔަވަޅުއަޅައިފައި ފުރުވައިލިޔަސް މަންމަ ދެން އަނބުރާ މި ދުނިޔެއަކަށް ނާންނާނެ. އެކަމު ވެސް މި ގޮތަށް މި ވާހަކަ މި ލިޔަނީ ދެން ވެސް އިތުރު މީހެއްގެ ފުރާނައަށް ގެއްލުމެއްވުމުގެ ކުރިން ޑޮކްޓަރު ބޭސް ސިޓީއެއް ދިނީމާ ބޭސް ފިހާރަ މީހުންކުރެން ސުވާލުކޮށްފައި އެންމެން ވެސް ބޭސް ބޭނުން ކުރާށޭ.“ ޢަޒީޒާގެ ދަރިފުޅު އަޙްމަދު ފާރިޝް(ޝުކުއްޓެ) އޭނާގެ ފޭސްބުކްގައި މިއަދު ލިޔެފައިވެއެވެ.
ފާރިޝްއަކީ ޢަޒީޒާގެ ފަސް ދަރިންގެ ތެރެއިން އެއް ދަރިފުޅެވެ. ޢަޒީޒާ ނިޔާވިއިރު 18 ނުފުރޭ ކުއްޖަކު ވެސް އެބަހުއްޓެވެ. ޢަޒީޒާަކީ ހިތުގެ ބަލި މީހެއް ކަމަށާއި، ހިތަށް ހޮޅިކޮޅެއް ލައްވައިފައިވާ މީހެއް ކަމަށާއި، ޑޮކްޓަރު ބޭސްދިނީ އެވަރު ނުބަލައިކަމަށް ފާރިޝްއާއި ހަވާލާދީ އަދިވެސް އޮންލައިންއިން ބުނެފައިވެއެވެ.
އެއިމްސްގެ ސީއީއޯ، އެމްއެންޑީއެފުގެ ކުރީގެ ކެޕްޓަން ޢަލީ އިޙްސާނު ވިދާޅުވިގޮތުގައި މަރާއި ގުޅިގެން އެ ޑޮކްޓަރު ވަނީ ސަސްޕެންޑް ކުރެވިފައެވެ.