ކޯވިޑް-19ގެ އައު ސްޓްރެއިންގެ ވައިރަސް ކުޑަކުދިންގެ މެދުގައި ހަލުވި ކަމާއި އެކު ފެތުރެމުންދާތީ ސިންގަޕޫރުގެ ސްކޫލުތައް ބަންދުކޮށްފިއެވެ.
އިންޑިއާގައި އެންމެ ފުރަތަަމަ ފެނިފައިވާ ސްޓެްރެއިންއާއި ވައްތަރު ސްޓްރެއިން ފެންނާތީ، އެ ޤައުމުން ކުރި ދިރާސާގައި ކުޑަކުދިންނަށް ބަލި ޖެހުން އިތުރުވެފައިވުމާއި އެކު، އެ ޤައުމުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްކޫލުތައް ބަންދުކޮށްފައެވެ.
އާދިއްތަ ދުވަހު ހެލްތު މިނިސްޓްރީއިން ޢާންމު ކުރި މަޢުލޫމާތުތަކަށް ބަލާއިރު، ޕްރައިމަރީ އަދި ސެކޮންޑަރީ ސްކޫލުތައް އެއްކޮށް ބަންދުކޮށް، ބުދަ ދުވަހުން ފެށިގެން އޮންލައިންކޮށް ކިޔަވައި ދިނުމަށް ވަނީ ހަމަޖައްސާފައެވެ.
އާދިއްތަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ކުރިން އެ ޤައުމުން ވަނީ 38 މީހުން މި ބައްޔަށް އަލަށް ޕޮޒިޓިވްވެފައިވާ ކަމަށް އިޢުލާންކޮށްފައެވެ. އަދި މީގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށާއި، މިއީ ޓިއުޝަން ކުލާހަކުން އުފެދުނު ކްލަސްޓަރ އެއްކަމަށްވެސް ވަނީ ބުނެފައެވެ.
ސިންގަޕޫރުން އިތުރަށް ބުނާ ގޮތުގައި ކޭސްތައް ދަށަށް ނުދާ ކަމުގައިވާ ނަމަ، އިތުރު ފިޔަވަޅުތައް އެޅުން އެކަށީގެންވެއެވެ.