ލ އަތޮޅު މާމެންދޫއިން ޑޮކްޓަރަށް ދެއްކުމަށް ދިޔަ މާބަނޑު އަންހެނެއްގެ ބަނޑަށް ދަރިފުޅު ނިޔާވުމާއި ގުޅިގެން އޮޕަރޭޝަން ކުރުމުގެ ކުރިން ހެދި ޓެސްޓު ކޯވިޑް 19 އަށް ފައްސިވެއްޖެއެވެ.
މިކަމާއި ގުޅިގެން އެރަށު ހެލްތު ސެންޓަރުން ބުނެފައިވަނީ، ބައްޔަށް ފައްސިވެފައި ވަނީ، ރޭ ފަތިހު ބަނޑުގައި ރިއްސާތީ ޑޮކްޓަރަ ދައްކަން އައި އަންހެނެއް ކަމަށާއި، އިތުރު ފަރުވާ ދިނުމަށް އޭނާ އެއަތޮޅު ގަމަށް ފޮނުވާފައި ވާކަމަށެވެ.
ގަމު ރީޖަނަލް ހޮސްޕިޓަލުން މިކަމާއި ގުޅިގެން ބުނެފައިވަނީ، އެ އަންހެން މީހާ އަކީ ރޭ ފަތިހު އެ ހޮސްޕިޓަލަށް ގެނައި މީހެއް ކަމަށާއި، އޭނާ ގެނައި އިރުވެސް ބަނޑަށް ދަރިފުޅު މަރުވެފައި ވާކަމަށެވެ. އަދި އަންހެން މީހާ ބައްޔަށް ފައްސިވިކަން އެނގުނީ، ބަނޑަށް މަރުވި ކުއްޖާ ނެގުމުގެ ކުރިން ހެދި ކޯވިޑް ޓެސްޓުގެ ނަތީޖާ ބައްޔަށް ފައްސިވުމާއި ގުޅިގެން ކަމަށެވެ.
އެ މާބަނޑު އަންހެން މީހާ އަކީ، ކަރަންޓީނުގައި ހުރި މީހަކަށް ނުވާތީ، މާމެންދޫ މުޖްތަމައުގެ ތެރޭގައި ބަލި ފެތުރެން ފެށުމުން އެރަށް މިހާރު ވަނީ މޮނީޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.
އަދި އަންހެން މީހާއާއި ބައްދަލުވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.