ހައްދު ފަހަނާ އަޅާފައިވާ އިސްރާއިލުގެ އަސްކަރިއްޔާއިން ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ހަމަލާތައް ރައްޔިތުންގެ މަޖިލީހުން ކުށްވެރި ކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން ހިމެނޭ ގޮތަށް ފަލަސްތީނުގެ އާއްމު ރައްޔިތުން ޝަހީދުކޮށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ ހަމަލާތައް ވަގުތުން ވަގުތައް ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
ފަލަސްތީނުގެ ރައްޔިތުން ގެއިން ނެރެ އެ ރައްޔިތުންގެ މުދަލާ ފުރާނައަށް ގެއްލުންދީ، އަދި މިއަހަރުގެ ރަމަޟާން މަހު މިސްކިތުގައި އަޅުކަމުގައި ތިބި ފަރާތްތަކަށް ދިން ހަމަލާ ތަކަކީ، ބައިނަލްއަގްވާމީ އެއްބަސްވުންތަކާއި ހިލާފު އަމަލުތަކެއް ކަމަށާއި، މިކަމުގެ ސަބަބުން މެދުއިރުމަތީގައި ސުލްހައަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅިގެން ދާނެ ކަމަށްވެސް މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން މަޖިލީހުގެ ބަޔާނުގައި ބުނެފައިވަނީ، މަޖިލީހުން އަބަދުވެސް ދެމިތިބޭނީ، ފަލަސްތީނުގެ ރައްޔިތުންނާއި އެކު ކަމަށާއި، ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުން މަތީގައި ކަމަށެވެ.