މާލޭ ސިޓީ ކައުންސިލު ހިންގާނީ ދެފުށް ފެންނަ ނަޒާހަތްތެރި ގޮތެއްގައިކަމަށް މާލޭ ސިޓީގެ އައު މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.
ޑރ.މުޢިއްޒު މިހެން ވިދާޅުވީ އައު ކައުންސިލްގެ ހުވައި ކުރެއްވުމަށްފަހު ބޭއްވެވި ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މުޢިއްޒު ވަނީ ކުރިއަށް އޮތް ފަސްއަހަރަށް ރާއްވަވައިފައިވާ ޕްލޭންގައިވާ މައިގަނޑު ކަންކަން ފާހަގަކުރައްވައިފައެވެ.
ޕްލޭންގައިވާ މައިގަނޑު ކަންކަން:
ބިންވެރި ރައްޔިތެއް.
ޗާލު މާލޭ ސިޓީ.
ފުދުންތެރި ދިރިއުޅުން.
ހިތްފަސޭހަަ މަގުމަތި.
ޑިޖިޓަލް މާލެ.
ހަރުދަނާ އިދާރީ ހިންގުން.
ރައްޔިތުންނާއި ބައްދަލުވާ ކައުންސިލް.
ކައުންސިލުގެ މަސައްކަތްތައް ބިނާކުރެވިފައިވާނީ މި އަމާޒުތައް ހާސިލުކުރުންކަން ފާހަގަކުރައްވައި ޑރ.މުޢިއްޒު ވިދާޅުވީ ބިންވެރި ރައްޔިތެއްގެ އަމާޒަށް ވާސިލުވުމަށްޓަކައި, ކައުންސިލުގެ މަސައްކަތްތައް ފެށޭތާާ 01 މަސް ދުވަހުގެތެރޭގައި ރައްޔިތުންގެ މަޝްވަރާއާއި، ޚިޔާލާއެކު މާލޭ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނެއް ފާސްކުރައްވަން ރާއްވަވައިފައިވާ ކަމަށެވެ. އަދި މާލޭގައި ދިރިއުޅެމުން އަންނަ ނިކަމެތި ރައްޔިތުންނަށް އަމާޒުކޮށްގެން، މާލެއިން ފާހަގަކުރެވޭ ބިންތަކުގައި ގެދޮރުވެރިކުރުމުގެ މަޝްރޫޢުއެއް ކުރިއަށްގެންދަން ސަރުކާރާއެކު މަޝްވަރާ ކުރައްވާނެ ކަމަށެވެ. ހަމައެހެންމެ ވިލިމާލޭގައި ލޭންޑް ޔޫޒް ޕްލޭނެއް ހެދުމަށް ނިންމަވައިފައިވާކަމަށެވެ.
މީގެ އިތުރުން މާލޭ ސިޓީގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި، ގުޅީފަޅުން ގޯތި ދޫކުރެވޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރައްވާނެކަމަށާއި، ދަފްތަރުގައި ތިބި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ޕްލޭނެއް އެކުލަވައިލަންދެން ދަފްތަރުގައި ޖެއްސުން ހުއްޓައިލުމަށް ޕްލޭންކޮށްފައިވާކަމަށް ވެސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
ހަމައެހެންމެ މާލޭ ސިޓީ ރައްޔިތުން އެދެނީ އެ މަނިކުފާނާއި، އެ މަނިކުފާނުގެ ޓީމުން ރައްޔިތުންގެ އަމާޒުތަކަށް ވާސިލުކޮށްދިނުމަށް މަސައްކަތްކޮށްދެއްވުން ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެ ގޮތުން ރައްޔިތުން އެދޭ ގޮތަށް މަސައްކަތްކޮށްދެއްވައި ނަތީޖާ ނެރެދެއްވާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.
މި ރޮނގުން ދެއްކެވި ވާހަކައިގައި ޑރ.މުޢިއްޒުވަނީ މާލޭ ސިޓީ ކައުންސިލު ހިންގާނީ ދެފުށް ފެންނަ ނަޒާހަތްތެރި ގޮތެއްގައިކަމަށް ވެސް ވިދާޅުވެފައެވެ. އެ ގޮތުން ކަނޑައަޅާ އުސޫލެއްގެ މަތިން ކައުންސިލުގެ ބައްދަލުވުންތައް ލައިވްކުރާނެކަން ވެސް ޑރ.މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ. ޑރ.މުޢިއްޒު ވަނީ މާލޭ ސިޓީ ކައުންސިލު ސިޔާސީ ޖަގަހައަކަށް ވެގެންދިޔަ ނުދެއްވާނެކަން ވެސް ފާަހަގަކުރައްވައިފައެވެ.