އިސްރާއީލުގެ ސަރުކާރުން ރާއްޖެ ހިމެނޭހެން 19 ގައުމަކަށް ވެކްސިން ހަދިޔާ ކުރަން ނިންމަފިއެވެ.
އެގައުމުގެ ނޫހަކުން ބުނެފައި ވާގޮތުގައި މިވަގުތު އެންމެ ބޮޑަށް ވެކްސިން ބޭނުންވާ 19 ގައުމަކަށް ވެކްސިން ހަދިޔާ ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމާފައި ވާކަމަށާއި، 1000 އާއި 5000 އާއި ދެމެދުގެ މޮޑާނާގެ ވެކްސިންގެ ޑޯޒްތައް ހަދިޔާ ކުރަން ނިންމާފައި ވާކަމަށެވެ..
އިސްރާއީލުން ވަނީ އެގައުމުގެ ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދީފައެވެ. އަދި ބާކީ ހުރި ވެކްސިން ފަލަސްތީނަށް ދިނުމަށް ވެސް ނިންމާފައި ވެއެވެ. މީގެ އިތުރުން ސައިޕްރަސް، މޮރިޓޭނިއާ، ހަންގޭރީ، ހޮންޑިއުރަސް، ގުއާޓެމާލާ، ޗެކް ރިޕަބްލިކް، ސެން މަރީނޯ، އިތިއޯޕިއާ، ޗާޑް، ކެންޔާ އަދި ޔުގަންޑާ އަށް ވެސް ވެކްސިން ހަދިޔާ ކުރުމަށް ވަނީ ނިންމާފައެވެ.
އިސްރާއީލު ސަރުކާރުގެ މި ނިންމުމާއި އެކު އެގައުމުގެ ސަރުކާރުގެ ބައެއް އޮފިޝަލުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އަދި މިއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.
ރާއްޖެއަށް އިސްރާއީލުން ވެކްސިން ހަދިޔާ ކުރުމަށް ނިންމާފައި ވާއިރު، މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އިސްރާއީލުން ވެކްސިން ހޯދުމަށް ދިވެހި ދައުލަތުން މިހާތަނަށް އެދިފައި ނުވާނެ ކަމަށެވެ.
ރާއްޖެއަށް އެގައުމުން ވެކްސިން ހަދިޔާ ކުރަން ނިންމާފައި ވާއިރު، އިސްރާއީލުން ފަލަސްތީނުގެ މުސްލިމު އަހުންނާއި އުހުތުންނަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ރާއްޖޭގެ ގިނަ ރައްޔިތުން ތަކެއް ދަނީ އިސްރާއީލާއި ދެކޮޅަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އަދި ދިވެހި ފަސްގަނޑަށް އިސްރާއީލުން ފޮނުވާ ވެކްސިން ގެނެސްގެން ނުވާނެ ކަމަށްވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.