ރޭ ލިވަރޕޫލް އަދި ވެސްޓް ބްރޮމްވިޗް އަލްބިއޮން ބައްދަލު ކުރި މެޗުގައި ލިވަރޕޫލްގެ ކީޕަރު އެލިސަން ބެކަރ ގޯލެއް ޖަހައި 8 އަހަރަށް ފަހު ކީޕަރަކު އަލުން ޕްރިމިއަރ ލީގުގައި ގޯލެއް ޖަހައިފިއެވެ.
ރޭ ލިވަރޕޫލު މޮޅުވުން މަޖުބޫރު މި މެޗުގައި ފުރަތަމަ ލީޑު ނަގާފައިވަނީ ވެސްޓް ބްރޮމް އިންނެވެ. މި ލަނޑު ރޮބްސަން ކާނޫ ކާމިޔާބުކޮށްދިން އިރު، މިއީ އޭނާ ޕްރިމިއަރ ލީގުގައި ޒަމާން ތަކަަކަށްފަހު ޖަހައިދިން ގޯލެކެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލިވަރޕޫލުގެ ސަލާހް ވަނީ ލިވަރޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިއީ ސަލާހް މި ސީޒަނުގެ ރަންބޫޓަށް ވާދަކުރުމަށް ޖަހައިދިން 22 ވަނަ ގޯލެވެ.
ދެވަނަ ހާފުގައި ލިވަރޕޫލުގެ ކުޅުން ރަނގަޅުކޮށް ރަނގަޅު ހަމަލާ ތަކެއް އުފެއްދޭތޯ ވަނީ މަސައްކަތް ކޮށްފައެވެ. ނަމަވެސް، ވެސްޓް ބްރޮމްގެ ޑިފެންސް ފޫ އަޅުވާލެވޭ ގޮތް ވަނީ ނުވެފައެވެ.
މެޗުގެ ފަހު ވަގުތުގެ އިތުރު ވަގުތުގައި އެލިސަން ލިވަޕޫލުގެ 2 ވަނަ ގޯލު ޖަހާދީފައިވަނީ، ލިބުނު ކޯނަރަކުން ބޮލުންނެވެ. މި ގޯލަށް ފަހު މީގެ 8 އަހަރު ކުރިން ބެގޮވިޗް ޖެހި ގޯލަށްފަހު ޕްރިމިއަރ ލީގުގައި ކީޕަރެއް މިވަނީ އަލުން ގޯލެއް ޖަހާފައެވެ.